ފާޅުކުރާ ހިޔާލެއްގެ ސަބަބުން، މިސަރުކާރުން ނޫސްވެރިޔާ ހިފާ ހައްޔަރު ނުކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ފޮނުއްވެވި ތަހުނިޔާގެ ހިތާބުގައި ރައީސް ވަނީ ނޫސް ވެރިންގެ ކަރަށް ބާރުކުރުމަށް މިސަރުކާރުން ގާނޫނުތައް ނުހަދާނެކަމުގެ ޔަގީންކަން ދިވެހި އެންމެހާ ނޫސްވެރިންނަށާއި، ރައްޔިތުންނަށް ދެއްވާފައެވެ.

ރައީސް ވިދާޅުވީ، ހިޔާލު ފާޅުކުރުމާއި މައުލޫމާތު ފެތުރުމަކީ ހައްގަކަށްވާ ފަދައިން، އެ ހައްގާއި ގުޅިފައިވާ ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކެއް ވެސް ހުރިކަން ހަނދާން ކުރަންޖެހޭނެކަމަށެވެ. އަދި އެއީ ބިނާކުރަނިވި ގޮތެއްގައި ފާޑު ކިޔުމާއި، ތެދު މައުލޫމާތު ފެތުރުން ކަމަށާއި، އެ ޒިންމާއަށް އިހުމާލުވެއްޖެ ނަމަ، މުޖްތަމައުގައި ފިތުނަ ފަސާދަ އުފެދި، ޑިމޮކްރެސީއަށް ހީނަރުކަން އަތުވެދާނެކަން އެމަނިކުފާނު ފާހަގަ ކުރެއްވެވިއެވެ.

މިއަދުގެ ހިތާބުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަނީ، މިހާރަށްވުރެ މިނިވަން ވެއްޓެއްގައި ނޫސްވެރިކަން ކުރެވޭނެ މަގު ފަހިކޮށްދީ، ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ފިޔަވަޅުތައް އަޅައިދިނުމަށް ކަމަށެވެ. އަދި މިނިވަން ނޫސްވެރިކަމަށް ޖާގަ ދިނުމުގެ ގޮތުން، ސަރުކާރުގެ އެންމެހައި ކަންކަން ހިނގަމުންދާނީ، ދެފުށް ފެންނަ ގޮތަށްކަމަށާއި، ސަރުކާރުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް، ނޫސްވެރިންނަށް ފަސޭހައިން ބެލޭނެ އިންތިޒާމުވެސް ހަމަޖައްސަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޒަމާނުއްސުރެ ރާއްޖޭގައި ދަމަހައްޓަމުން އައި ނޫސްވެރިކަމުގެ ސަގާފަތުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މީގެކުރިން ނޫސް ވެރިކަމުގެ މިނިވަންކަމުގެ ލަގަން އޮންނަނީ ސަރުކާރުގެ މުށުތެރޭގައި ކަމަށާއި އެކަމުގެ ސަބަބުން އޭރުއޮތީ މުޅި ދައުލަތުގެ ހިނގުން ބޮއްސުންލައި، ވައްކަމާއި، ކޮރަޕްޝަން އާންމުވެގެން ގޮސްފައި ކަން ރައީސް ފާހަގަކުރެއްވެވިއެވެ. އެ މަނިކުފާނު ވިދާޅުވީ މިކަމުގެ ނަތީޖާއެއްގެ ގޮތުން ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ އަހަރުން އަހަރަށް ދަށަށް ގޮސްފައި ކަމަށެވެ. އަދި މިދިޔަ އަހަރު ނިމުނު އިރު، އެ އިންޑެކްސްގެ 120 ވަނައަށް ރާއްޖެ ވެއްޓިފައި ވަނިކޮށް، މިސަރުކާރުން ފާއިތުވި ހަތަރު މަސްދުވަހު ރާއްޖޭގައި މިނިވަން ނޫސްވެރިކަމެއް ގާއިމުކުރުމަށް، ކުރެވުނު މަސައްކަތުން، ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ މިހާރު ވަނީ، މިދިޔަ އަހަރާ އަޅައިބަލާއިރު، 22 ޕޮއިންޓުގެ ކުރިއެރުމެއް ހޯދައި، 120 ވަނައިން 98 ވަނައަށް ޖެހިފައިކަން އެމަނިކުފާނު ފާހަގަ ކުރެއްވެވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މި ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރާ މަސައްކަތުގެ އެންމެ މުހިންމު އެއް ބަޔަކީ، ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާނާއި، ވަރަށް އިހާނެތި ގޮތަކަށް މަރާލާފައިވާ، އިންޓަނެޓް ބްލޮގާ ޔާމީން ރަޝީދުގެ ޢާއިލާއަށް އިންސާފު ހޯދައިދިނުން ކަމުގައެވެ. އަދި މިކަމަށް މި ސަރުކާރުން ފަށާފައިވާ މަސައްކަތް ހުއްޓުމެއް ނެތި، ކުރިއަށް ދާނެކަމަށާއި، އެ ދެ ޒުވާނުންގެ މަސައްކަތް ރަމްޒުކޮށްދެނީ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ މުހިންމުކަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ހިތާބުގައި އެމަނިކުފާނު ވަނީ ހަބަރާއި މައުލޫމާތު ފެތުރުމުގައި، ރާއްޖޭގެ ނޫސްވެރިން ކުރާ މިންނެތް މަސައްކަތުގެ އަގު ވަޒަންކުރައްވައި، ނޫސްވެރިންނަށް އައްސަރިބަހާއި ސާބަސް ރައްދުކުރައްވައިފައެވެ.