ދިވެހިރާއްޖޭގެ ސަލާމަތާ، ސުލްހައާއި ކުރިއެރުން ގުޅިފައިވަނީ ސަރަހައްދީ ސުލްހައިގެ މައްޗަށްކަން ގަބޫލުނުކުރާ މީހުން އަދިވެސް އެބަތިބި ކަމަށް ދިފާއީ ވަޒީރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިކަމަކީ ހިތާމަ ހުރިކަމެއްކަން ދޭހަވާފަދަ މޭރުމަކަން މާރިޔާ ވަނީ މިއަދު ހެނދުނު ޓްވީޓެއް ކުރައްވާފައެވެ. ޓެރަރިސްޓް ހަމަލާތަކެއް ދީ ސްރީލަންކާއިން އެތައް ބަޔަކު މަރާލިކަމާ، އެއާއި ވިދިގެން ސްރީލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާކަމާ ގިނަ ބަޔަކު ހައްޔަރުކޮށްފައި ވާކަން މާރިޔާގެ ޓްވީޓުގައި ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން އެމެރިކާގެ ރައްޔިތުން ދިވެހިރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވުމަށް ގޮވާލައި، ކެޓަގަރީ 2 ގައި ދިވެހިރާއްޖެ ގިންތި ކޮށް އެމެރިކާއިން ޓްރެވެލް އެޑްވައިޒަރީ ނެރެފައި ވާކަންވެސް ދިފާއީ ވަޒީރު މާރިޔާގެ ޓްވީޓުގައި ވަނީ ފާހަގަކުރައްވާފައެވެ.

އަވަށްޓެރި ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން ދިވެހިރާއްޖޭގައިވެސް އެފަދަ ހަމަލާތަކެއް ދީފާނެ ކަމުގެ ބިރުވެރިކަން ގިނަ ބައެއްގެ ހިތްތަކުގައި ވަނީ އުފެދިފައެވެ.