އެންމެ ކުޑަ އުޖޫރަ ކަނޑައަޅަން ސަރުކާރުން ވީ ވައުދާއެކު، އެކަމަށް އެކުލަވާލި ބޯޑުގައި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ގެ ކުރީގެ ރައީސް މުހައްމަދު އަލީ ޖަނާހު (ޖަނާ) ހިމެނުމުން، ސޯޝަލް މީޑިއާގައި އޭނާއާ ދެކޮޅަށް ފާޑު ކިއާ އެކި ތުހުމަތުތައް ކުރަން ފަށައިފިއެވެ.

"މުސާރަ އާއި އުޖޫރައާ ގުޅޭ ގޮތުން ލަފާ ދޭ ބޯޑު" ގައި ތިއްބަވާ ފަސް މެމްބަރުން އިއްޔެ އިއުލާން ކުރިއިރު، ޖަނާގެ ނަން ހިމެނެއެވެ. މިއާއެކު އޭނާ ބޯޑުން ވަކިކުރަން ގޮވާލައި، ޖަނާ ގެންގުޅުއްވާ މަސައްކަތްތެރިންނަށް މުސާރަ ނުދޭކަމަށް ބުނެ ބައެއް މީހުން ވަނީ އަޑުއުފުލާފައެވެ.

ބައެއް ފަރާތްތަކުން ވަނީ ޖަނާގެ މުވައްޒަފުންނަށް މުސާރަ ނުދޭތާ އެތަކެއް ދުވަހެއް ވެފައިވާކަމަށައި، އޭނާ ގުންގުޅުއްވާ މަސައްކަތްތެރިން ލައްވާ މަސައްކަތް ކުރުވަނީ ސަލާމަތާ ރައްކާތެރިކަމަށް ބެލުމެއް ނެތި ކަމަށް ބުނެ އަޑު އުފުލާފައެވެ. މީގެ އިތުުރުން އެފަދަ ބޭފުޅެއް އެންމެ ކުޑަ އުޖޫރު ކަނޑައަލާ ބޯޑަށް އައްޔަން ކުރުމުން، އެއީ މަސައްކަތްތެރިނަށް ދެވޭ ނުރަނގަޅު މެސެޖެއް ކަމަށް ބުނެ ޖަނާ ބޯޑުން ވަކިކުރަން ބައެއް ފަރާތްތަކުން އަންނަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޓެގްކޮށް ޓްވީޓާއި ފޭސްބުކުގައި ޕޯސްޓަތައް ޖަހަމުންނެވެ.

ނަމަވެސް ސޯޝަލް މީޑިއާގައި އޮތް މި ވާހަކަތައް ޖަނާ ވަނީ ދޮގުކުރައްވާފައެވެ. ބައެއް ނޫސްތަކަށް ޖަނާ ވިދާޅުވެފައިވަނީ މުސާރަ ނުދޭ އެއްވެސް މުވައްޒަފެއް ނުހުންނާނެ ކަމަށާއި، ސޯޝަލް މީޑިއާގައި ދެކެވެމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

ބައެއް ފަރާތްތަކުން ކުރާ ތުހުމަތުގައި ބުނެފައިވަނީ "އަހަރެންގެ ރައްޓެހިން ސަރުކާރުގެ ބޮޑުންނަށް ނުތިބޭ. އިބޫ ސޯލިހަށް މި އަޑު އިވެންދެން އެކަނި ނަމަވެސް މި ވާހަކަ ދައްކާނަން. މިނިމަމް ވޭޖް ބޯޑު މެންބަރު ޖަނާހު އަކީ މަށާއެކީ މަސައްކަތް ކުރި އެތާ މުވައްޒަފުންނަށް އުޖޫރަ ނުދީ ފިލައިން އުޅޭ މީހެއް" ޖަނާއާއެކު މަސައްކަތް ކުރިކަމަށް ބުނާ މީހަކު ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.

އިތުރު މީހަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ "ހައްގު އުޖޫރަ ނުދޭ މީހާ އުޖޫރައިގެ ހައްގު މިންވަރު ކަނޑައެޅުމަށް. މިއީ އެޖެންޑާ 19 އަށް ކުރިމަތިވި ލަދުވެތިކަމެއް" ކަމަށެވެ.

ބައެއް ފަރާތްތަކުން އަންނަނީ އުޖޫރަ ކަނޑައަޅާ ބޯޑުގައި ވިޔަފާރިވެރިންގެ ނުފޫޒު އޮތްކަމަށް ބުނެފައެވެ. އެގޮތުން މީހަކު ކުރި ޓްވީޓުގައި ބުނެފައިވަނީ "ވިޔަފާރިވެރިންގެ ނުފޫޒު! ހެޕީމާކެޓްގެ ނުފޫޒު! އެޖެންޑާ 19 ކުޑަ އުޖޫރަ ކަނޑައަޅަން ބޯޑުގައި މި މީހުން ތިބޭނެކަން އެނގުނު ނަމަ ވޯޓެއް ނުލިބުނީސް! ކަށަވަރު!" ކަމަށެވެ.

ޖަނާގެ އިތުރުން ވިޔަފާރިވެރިޔާ ޗަމްޕާއަށް ވެސް ބައެއް ފަރާތްތަކުން އަންނަނީ ފާޑު ކިއަމުންނެވެ. އެގޮތުން "ޗަމްޕާ އަފީފުގެ އެޖެންޓުންނާއި، އަލީ ޖަނާހު ނުލާ ކަލޭމެންނަސް ބޯޑުތައް ނުހެދެނީތަ" އުޖޫރަ ބޯޑަށް އައްޔަން ކުރެވުނު އިބްރާހީމް ނޫރައްދީންގެ ނަން ފާހަގަ ކޮށް މީހަކު ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.

އިކޮނަމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވެފައިވަނީ އެންމެ ކުޑަ އުޖޫރަ ކަނޑައަޅާ ބޯޑު އެކުލަވާލީ އެމްޕްލޯޔާޒް އެސޯސިއޭޝަނާއި އެމްޕްލޯއީޒް އެސޯސިއޭޝަނުން ފޮނުވި މަންދޫބުންނާ އެކުގައި ކަމަށެވެ. ޖަނާހާއި ނޫރައްދީންގެ އިތުރުން މި ބޯޑުގައި ހިމެނިވަޑައިގަންނަވަނީ، މަރިޔަމް ހާލިދާއި، އަލީ އާދަމް އަދި މައުރޫފް ޒާކިރެވެ.