ރޯދަމަހަށް ތައްޔާރުވުމަށް ފުރުސަތު ދިނުމުގެ ގޮތުން، އަންނަ އާދީއްތަ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވީ، ރޯދަމަސް ކައިރިވެފައި ވާތީއާއި، ރޯދަމަހަށް ތައްޔާރުވުމުގެ ފުރުސަތު ދިނުމުގެ ގޮތުން، މި މަހުގެ ފަހެއްވާ އާދީއްތަ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ސޯލިހު ކަނޑައަޅުއްވާފައިވާ ކަމަށެވެ.

ރޯދަމަހުގެ ފުރަތަމަ ދުވަހަކީ ބަންދު ދުވަހެއް ކަމުން، މާދަމާއިން ފެށިގެން ރޯދަ މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ހަތަރު ދުވަސް ބަންދު ދުވަހުގެ ގޮތުގައި ލިބޭނެއެވެ.

ކަލަންޑަރުގައިވާ ގޮތުން ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މެއި ހައެއްވާ ހޯމަ ދުވަހެވެ. މިއަހަރުގެ ރޯދަމަހުގެ ހަނދު ބެލުން ބާއްވަން ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ. އަދި އެދުވަހު ރާއްޖޭގެ ހުރިހާ ކޯޓުތައް ހުޅުވާފައި ބަހައްޓަން ޑީޖީއޭއިން ވަނީ ނިންމާފައެވެ.

ރޯދަމަހު ސަރުކާރުގެ ރަސްމީ ގަޑި ވެސް ރައީސް އޮފީހުން ވަނީ އާންމުކޮށްފައެވެ. އެގޮތުން އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު ސަރުކާރުގެ ރަސްމީ ގަޑިއަކީ ހެނދުނު 9:00 އިން މެންދުރު 1:00 އަށެވެ. މީގެ ކުރިން ސަރުކާރުގެ ރަސްމީ ގަޑިއަކީ ހެނދުނު 10:00 އިން މެންދުރު 2:00 އަށެވެ.