ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ޕީޕީއެމުން ހިތުހުރި ގޮތެއް ހަދާފައި، 19 ވަނަ މަޖިލީހުގެ ރައީސް ކަމަށް ގާސިމް ގެންނަން ބުނުމުން އެކަމާ އަތްޖަހަންވީތޯ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

ނައިފަރު ދާއިރާގެ ޕީޕީއެމް މެންބަރު އަހުމަދު ޝިޔާމް ދެއްކެވި ވާހަކައަކަށް ރައްދު ދެއްވަމުން ރިޔާޒު ވިދާޅުވީ ގާސިމް މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލެއްވުމުން އެއިރު އޮތް ޕީޕީއެމްގެ ކޯލިޝަނުން ޖުމްހޫރީ ޕާޓީ ބޭރުކޮށް، ރިޝްވަތުގެ ތުހުމަތުގައި ޖަލަށްލައި، ވެރިކަމަށް ކުރިމަތިނުލެވޭ ގޮތް ހަދާފައި އެންމެ ފަހުން ވިޔަފާރިއަށް ގެއްލުންދީ ހަދާފައި، ޕީޕީއެމަށް ވެރިކަން ގެއްލުމުން، ގާސިމް މަޖިލީހުގެ ރައީސްކަމަށް ގެންނަން ޖެހޭކަމަށް ވިދާޅުވީމާ ހަމަ އަތްޖަހަންވީތޯއެވެ.

ޕީޕީއެމަށް ރިޔާސީ އިންތިހާބުގައި ކުރިމަތިވި ނާކާމިޔާބާއެކު، އެ ޕާޓީން އަންނަނީ ޖޭޕީއާއެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށް ބުނެ ގާސިމަށް ތައުރީފު ކުރަމުންނެވެ. 18 ވަނަ މަޖިލީހުގެ ރައީސް ގާސިމްގެ މަސައްކަތަށް ތައުރީފު ކޮށް އޭނާ މަސައްކަތް ކުރައްވަނީ ގަވާއިދާ އެއްގޮތަށް ކަމަށް ބުނެ އިދިކޮޅު ޕީޕީއެމުން އަންނަނީ ގާސިމްގެ މަސައްކަތަށް ވެސް ތައުރީފު ކުރަމުންނެވެ.

މިދިޔަ ހޯމަ ދުވަހު 18 ވަނަ މަޖިލީހުގެ ފަހު ޖަލްސާ ބާއްވާފައިވާ އިރު، ދެން ފެށޭ 19 ވަނަ މަޖިލީހުގެ ރައީސްކަމަށް ގާސިމް ގެންނަން ބޭނުންވާ ކަމަށް ބުނެ އިދިކޮޅުން ވަނީ ތާއިދުކޮށްފައެވެ.

ނައިފަރު ދާއިރާގެ މެންބަރުކަން ކުރައްވާ ޝިޔާމު ވިދާޅުވީ ގާސިމަކީ މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ވަރަށް އެކަށޭނަ ބޭފުޅެއް ކަމަށާއި، ރާއްޖޭގެ ގާނޫނުއަސާސީއަށް ވަރަށް ބޮޑަށް ހުރުމަތްތެރިކޮށް ހިއްތަވާ އެއަށް ބޯލަނބާ ބޭފުޅެއްކަމަށެވެ. އަދި ފެހި ގާނޫނުއަސާސީ އެކުލަވާލި މަޖިލީހުގައާއި ރައްޔިތުންގެ މަޖިލީހުގެ 18 ވަނަ ދައުރުގެ ފަހު ދުވަސްކޮޅުގައި މަޖިލީހުގެ ރައީސްގެ މަގާމުގައި އިންނަވައި ގާސިމް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ މަޖިލީހުގެ ރައީސް ކަމަށް އެންމެ ރަނގަޅީ ގާސިމް ފަދަ ބޭފުޅެއް ކަމަށެވެ.

ކޯލިޝަން ތެރޭގައި އުފެދިފައިވާ ނުތަނަވަސް ކަމާއެކު ނިމިގެން ދިޔަ މަޖިލިސް އިންތިހާބުގައި ޖޭޕީން ނުކުތީ އިދިކޮޅު ޕީޕީއެމާއެކުގައެވެ. ނަމަވެސް ޖޭޕީ އަދި ޕީޕީއެމަށް ވެސް ލިބުނީ އިންތިހާބުގައި ބޮޑު ނާކާމިޔާބީއެކެވެ. މިއާއެކު ޖޭޕީ ތެރޭގައި ނުތަނަވަސްކަން އުފެދިފައިވާ އިރު، ޕީޕީއެމްގެ ލީޑާޝިޕް އިސްތިއުފާދީ އާ ލީޑާޝިޕަކަށް ފުރުސަތު ދިނުމަށް އެ ޕާޓީގެ އިސް ފަރާތްތަކުން ދިޔައީ ގޮވަމުންނެވެ.