2019 އިން ފެށިގެން ކުރިއަށް އޮތް 5 އަހަރަށް އެންމެ ކުޑަ އުޖޫރަ އެއް ކަމުގައި މަދުވެގެން 9000 ރުފިޔާ އަށް ކަނޑައެޅެން ވާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަހްމަދު ނިހާން ވިދާޅުވެއްޖެއެވެ.

ނިހާން ވިދާޅުވީ، ދިވެހިންގެ ބޮލަކަށް ޕާ ކެޕިޓާ 9000 ޔޫއެސް ޑޮލަރު މިއަދު ޖެހޭ ކަމަށާއި ދުވާލަކަށް 300 ރުފިޔާ އަކީ އެންމެ ރަނގަޅު އަދަދު ކަމުގައެވެ.

"ބޮލަކަށް ޖެހޭ ކޮންމެ ޑޮލަރަކަށް ރުފިޔާ އެއް" ނިހާން ވިދާޅުވިއެވެ.

ނިހާން މިހެން ވިދާޅުވި އިރު މަސަތްކަތް ކުރާ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ދެވޭނެ އެންމެ ކުޑަ މިންވަރު ކަނަޑައެޅުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އިކޮނޮމިކް މިނިސްޓަރަށް ލަފާ ދެއްވުމަށް މުސާރަޔާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑެއް އެކުލަވާ ލައްވާފައެވެ.

މި ބޯޑުގެ މަސްއޫލިއްޔަތަކީ މުސާރައިގެ ގޮތުގައި ދެވޭނެ އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމަށް އިކޮނޮމިކް މިނިސްޓަރަށް ލަފާ ދެއްވުމެވެ. މި ބޯޑުގައި ތިއްބަވާނީ ފަސް މެންބަރުންނެވެ. އަދި މީގެ ތެރެއިން ދެ މެންބަރުންނަކީ ވަޒީފާދޭ އިންޑަސްޓްރީ ތަކުގެ ދެ ފަރާތެވެ. އަދި އަނެއް ދެ މެންބަރުންނަކީ މަސަތްކަތްތެރިން ތަމްސީލް ކުރާ ދެ ފަރާތެވެ. މީގެ ތެރޭގައި ސަރުކާރު ތަމްސީލު ކުރާ މެންބަރެއްވެސް ހިމެނެއެވެ.