ރާއްޖޭގެ މަސައްކަތްތެރިންގެ ހާލަތާ މެދު ކަންބޮޑުވާކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފިއެވެ.

މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ޕީއެންސީން ނެރުނު ނޫސް ބަޔާނުގައި ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހުގެ ހެޔޮ އެދުންތައް ރާއްޖޭގެ ހުރިހާ މަސައްކަތްތެރިންނަށް އަރިސް ކޮށްފައި ވެއެވެ. މީގެ އިތުރުން އެޕާޓީން ވަނީ މަސައްކަތްތެރިންނަކީ ގައުމުގެ އިގްތިސޯދުގެ މައި އިންޖީނު ކަމަށް ވާ މަސައްކަތްތެރިން ކުރަމުުން ގެންދާ ބުރަ މަސައްކަތްކަތުގެ އަގު ވަޒަންކޮށް ޝުކުރު އަދާކޮށްފައެވެ.

ޕީއެންސީން ބުނީ، ރާއްޖޭގެ މަސައްކަތްތެރިންގެ ހާލަތާ މެދު ކަންބޮޑުވާ ކަމަށާ މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު އެތައް ބަޔަކު ވަޒީފާއިން ވަކި ކުރަމުން ދިއުމާ، ސިޔާސީ މަގުސަދެއްގައި އެކި އެކި ފަރާތްތައް ވަޒީފާއިން ކަނޑާލާނެ ކަމަށް ބުނެ ހިންގާ ބިރުދެއްކުމުގެ އަމަލުތައް އެޕާޓީން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ. އަދި އެޕާޓީން ވަނީ ވަޒީފާ އަދާކުރާ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށް، ހަމަހަމަ ކަމާ އިންސާފުން އަދި ގާނޫނީ ތަރަހައިގެ ތެރެއިން ހުރިހާ ފަރާތްތަކާ މެދު އަމަލު ކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.

ޕީއެންސީގެ ބަޔާނުގައި ބުނީ، ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށް ވޭތުވެދިޔަ ފަސް މަސް ތެރޭ އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާ ކަމަށެވެ. އަދި ވަޒީފާ ނެތް މީހުން އިތުރުވުމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ބިކަވެ، މުޖުތަމައުގައި އުފެދޭ މައްސަލަތައް އިތުރުވެ، ރައްޔިތުންނަށް އޭގެ ހިތްދަތިކަމާއި ނުތަނަވަސްކަމާ ކުރިމަތިލާން ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް މި ބަޔާނުގައި ވެއެވެ. ޕީއެންސީން ވަނީ ކުރިއަށް އޮތް 19 ވަނަ މަޖިލީހުގެ ތެރެއިންނާއި ސަރުކާރުގެ ތެރެއިން ވީހާވެސް އަވަހަށް މިފަދަ ކަންކަން ހައްލުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާނެކަމަށް ބުނެފައެވެ.

މީގެ އިތުރުން ޕީއެންސީން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތުގައި ރާއްޖޭގެ ރިކޯޑް އަދަދަކަށް ވަޒީފާ އިތުރު ކުރެވިފައި ވާމަށް ބުނެ އެކަން ފާހަގަ ކޮށްފައެވެ. އެގޮތުން އާ ކުންފުނިތައް އުފެދި، އާ ވަޒީފާތައް އުފެދި، ތަފާތު އެކި ސިނާއަތް ތަކުން ވަޒީފާގެ އިތުރު ފުރުސަތުތައް ފަހިވެގެން ދިޔަކަމަށް ބުނެއެވެ. އަދި ވަޒީފާގެ މާހައުލުގައި ދިވެހިންނަށް އިސްކަން ދިނުމުގެ ސިޔާސަތުތައް އެކަށައަޅާ، ބައެއް ވަޒީފާތަކަކީ ދިވެހިންނަށް ހާއްސަ ވަޒީފާތަކެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށްވެސް ބުނެއެވެ.

ޕީއެންސީން ވަނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށް، އެފަރާތްތަކަށް ލިބެންވާ މިންވަރު ކަށަވަރު ކޮށްދިނުމަށްޓަކައި އެ ޕާޓީން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ޒިންމާ ފުރިހަމައަށް އަދާކުރާނެ ކަމުގެ ޔަގީންކަން ދީފައެވެ.