ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާއާއެކު ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށްފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެކަން މަޑުޖެހުމަކަށް އައިސްފައި އޮތުމަށްފަހު އާ ޕްރޮޖެކްޓްތަކެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ފަށާނެކަމަށް ޗައިނާއިން ހާމަކޮށްފިއެވެ.

ޗައިނާއިން މިގޮތަށް ހާމަކޮށްފައިވަނީ، ކުރީ ސަރުކާރުން ނަގާފައިވާ ލޯންތަކުގެ ހަމައަގު ހޯދުމަށް ޗައިނާއެކު މަޝްވަރާކުރާނެ ކަމަށް އާ ސަރުކާރުން ބުނެފައި ވަނިކޮށެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި އާ ޕްރޮޖެކްޓްތައް ފަށާނެކަން ހާމަކުރައްވާފައިވަނީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒޭންގް ލީޒޮންގެވެ.

ޗައިނާ ސަފީރު ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރާއިއެކު ޗައިނާ ސަރުކާރުން މިހާތަނަށް ކުރި މަޝްވަރާތަކަކީ ވަރަށް އުންމީދީ މަޝްވަރާތަކެއްކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ރަށްރަށުގައި ޑީސެލިނޭޝަން ޕްލާންޓްތަކާއި، ހައުސިންގް ޔުނިޓްތަކުގެ އިތުރުން ނަރުދަމާ ނިޒާމުތައް ގާއިމުކުރުމުގައި ރާއްޖޭއަށް އިތުބާރު ހިފޭ ޕާޓްނަރެއްގެ ގޮތުގައި ޗައިނާ އޮންނާނެކަމުގެ ޔަގީންކަން ސަފީރު ވަނީ ދެއްވާފައެވެ.

"މި މަސައްކަތް ކުރުމަށް ރާއްޖޭގެ ސަރުކާރުގެ އިސްވެރިން ޗައިނާއަށް ޒިޔާރަތްކޮށް މަޝްވަރާ ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައި. ރައީސް ސޯލިހުގެ ސަރުކާރާ އެކު ކުރި މަޝްވަރާތަކުގައި އެމަނިކުފާނުވަނީ ރާއްޖެއާއި ޗައިނާގެ ގުޅުން އިތުރަށް ތަރައްގީ ކުރަން ބޭނުންވާކަން ހާމަކުރައްވާފައި. ކުރިއަށް އޮތްތަނުގައި ރަށްރަށުގައި ޑީސެލިނޭޝަން ޕްލާންޓްތަކާއި، ހައުސިންގް ޔުނިޓްތަކުގެ އިތުރުން ނަރުދަމާގެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް ކުރުމަށް މަޝްވަރާ ކުރުމަށް މަސައްކަތް ކުރާނަން" ޗައިނާ ސަފީރު ވިދާޅުވިއެވެ.

ޗައިނާއިން ހަތް ދާއިރާއަކުން ރާއްޖެ ތަރައްގީކުރުމުގެ ޝައުގުވެރިކަން ފާޅުކޮށް، ކުރީގެ ސަރުކާރުން ނަގާފައިވާ ލޯންތައް ރީ-ނެގޯޝިއޭޓް ކުރައްވާނެ ކަމަށް ޗައިނާ ސަފީރު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ޗައިނާއިން ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫއުތައް ތާވަލާ އެގޮތައް ނިންމާ، އިތުރު ދާއިރާތަކުން އަލުން ގުޅުން ވަރުގަދަ ކުރަން ބޭނުންވާ ކަމަށް ސަފީރު ވިދާޅުވިއެވެ.

ޗައިނާއިން ގުޅުން ބަދަހި ކުރުމަށް ޝައުގުވެރިކަން ފާޅުކުރި ދާއިރާތަކުގެ ތެރޭގައި، ދިރިއުޅުމުގެ ދާއިރާ، ތިމާވެށީގެ ދާއިރާ، އިންސާނީ ވަސީލަތް ތަމްރީނު ކުރުން، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުން، ކޮރަޕްޝަން ނައްތާލުމަށް މަސައްކަތް ކުރުން، ސިއްހީ ދާއިރާ އަދި ފަތުރުވެރިކަމުގެ ދާއިރާ ހިމެނެއެެވެ.

ޗައިނާއިން ރާއްޖޭގައި މިހާރުވެސް 3 ޕްރޮޖެކްޓެއް ހިންގަމުން އަންނައިރު، ޗައިނާ ސަރުކާރުގެ އެހީއާ އެކު އިތުރު 4 މަޝްރޫއެއް ހިންގަމުންދެއެވެ. އޭގެ ތެރޭގައި ސިނަމާލެ ބްރިޖްގެ މެއިންޓަނަންސްގެ މަސައްކަތާއި، ހިޔާ ހައުސިންގް ޔުނިޓްތަކުގެ މަސައްކަތްތަކުގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ހިމެނެއެވެ.