އަމިއްލައަށް ކްރެޑިޓް ނެންގެވުމަށް ފާޑުފާޑުގެ ވާހަކަ ދެއްކެވުމަކީ ކުރައްވައިގެން ވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް، އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒަށް ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.
މިއަދު އޮތް 18 ވަނަ މަޖިލީހުގެ ފަހު ޖަލްސާގައި އެޖެންޑާ ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ މީހުންނަށް އިނާޔަތާއި ހިމާޔަތާއި ރައްކާތެރިކަމާއި ވީއައިޕީ ހިދުމަތް ހޯދުމަށް ހުށަހަޅާފައިވާ ބިލްތަކަކަށް ބަހުސް ކުރައްވަމުން ރިޔާޒު ވަނީ ވަރަށް ބޮޑަށް އެ ބިލުތަކަށް ފާޑުވިދާޅުވެފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި މުހިންމު ގިނަ ކަންތައްތަކެއް ނުނިމި އޮށްވާ އެފަދަ ކަމެއް އެޖެންޑާ ކުރުމުން އެކަމާ ހިތްހަމަނުޖެހި ރިޔާޒު ވާހަކަ ދައްކަވާފާއި ވެއެވެ.
"މިއަދު އެޖެންޑާގައި ހުރި ގިނަ ކަންތައްތަކަށް ތާއީދު ނުކުރެވޭ ވާހަކަ މިފުރުސަތުގައި އަޅުގަނޑު ދަންނަވަން. އަޅުގަނޑުމެންނަށް ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައި ހުންނަ އެންމެ ކުޑަ އުޖޫރަ، ކަނޑައެޅުން ލާޒިމް ކުރާގޮތަށް ގާނޫނު އޮތް އިރުގައިވެސް 18 ވަނަ މަޖިލިސް މިނިންމާލަންޖެހެނީ، އެހައްގުވެސް އެމީހުންނަށް ހޯދައި ނުދީ" ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ މަޖިލިސް ނިންމާލުމަށް ފަހު ވަޑައިގަންނަވާއިރު، ދެން އަންނަ ދައުރެއްގައި މަޖިލީހުގައި ތިއްބަވާ ބޭފުޅުން ކުރައްވަން ޖެހިވަޑައިގަންނަވާ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެހެން ކަމުން މެންބަރުންނަށް ލިބެންޖެހޭ އިނާޔަތްތަކާއި މުސާރަ، މެންބަރުން އަމިއްލަ އަށް ކަނޑައެޅުމަކީ އެންމެ ނަޒާހަތްތެރި ގޮތް ކަމަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށް ވެސް ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒުއަށް ރައްދުދެއްވަމުން މަޖިލީހުގެ ރައީސް ގާސިމް ވިދާޅުވީ، އެޖެންޑާއަށް ހުށައެޅިފައިވާ ކަންކަމާމެދު މެންބަރުން ހިތްޕުޅާ ނުވުމަކީ އެހެން މައްސަލައެއް ކަމަށެވެ. އެހެން ނަމަވެސް މަޖިލީހުގެ މެންބަރަކު ހުށައަޅާފައިވާ މައްސަލަތައް ކުރިއަށް ގެންދިޔުމަކީ މަޖިލީހުގެ ރައީސް އަށް ވާޖިބުވާ ކަމެއް ކަމަށް ގާސިމް ވިދާޅުވިއެވެ. އެހެންކަމުން ކުރެޑި ނަންގަވަން ނޫޅުއްވުމަށް ގާސިމު ވިދާޅުވިއެވެ.