18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ތަކުގެ ތެރެއިން ޖުމްލަ 94 ޕަސެންޓް މަސައްކަތް ނިންމާފައި ވާކަމަށް މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ޖަލްސާ މިއަދު ވަނީ ބާއްވާފައެވެ. މި ޖަލްސާއަށް ފަހު ކުއްލި މައްސަލަ އެއް ދިމާވެގެން ނޫނީ މި މަޖިލީހުގެ އިތުރު ޖަލްސާއެއް ދެން ނޯންނާނެ ކަމަށް މިއަދުގެ ޖަލްސާގައި ރިޔާސަތުން އިއުލާނު ކުރައްވާފައި ވެއެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ވަނީ މި ދައުރުގައި ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދިޔަ މަސައްކަތްތަކުގެ ތަފާސްހހިސާބުތަކަށް ބައްލަވާލައްވާފައެވެ. އެ ގޮތުން މަޖިލީހުގެ މަސައްކަތްތަކުގެ 94 ޕަސެންޓް މަޖިލީހުން ނިންމާފައި ވުމުން، އެއީ ޕަސެންޓޭޖްގެ ގޮތުން ވަރަށް ބޮޑު އަދަދެއް ކަން ގާސިމް ފާހަގަ ކުރައްވާފައިވެއެވެ.

ގާސިމް ވިދާޅުވި ގޮތުގައި، މެއި 2014 ގައި ފެށުނު މަޖިލީހުގެ ދައުރުން މިހާތަނަށް އައިއިރު ޖުމްލަ 174 ބިލާއި 7 ޤަރާރު ފާސްކޮށްފައިވެއެވެ. އަދި ސަރުކާރުން ހުށައަޅާފައިވާ 154 މައްސަލަ އާއި ރިޔާސަތުން ހުށައަޅުއްވާފައިވާ 26 މައްސަލައިގެ އިތުރުން މެންބަރުން ހުށައަޅުއްވާފައިވާ 29 މައްސަލަ ނިންމާފައިވެއެވެ. އަދި ދައުލަތުގެ 5 ބަޖެޓާއި އެއް ސަޕްލިމެންޓަރީ ބަޖެޓް ފާސްކޮށްފައިވެއެވެ.

18 ވަނަ މަޖިލީހުން އެކި މައްސަލަތަކާއި ގުޅޭ 151 ރިޕޯޓު ނިންމާފައި ވާކަންވެސް ގާސިމް މިއަދު ފާހަގަ ކުރެއްވިއެވެ. އަދި ވަޒީރުންނާ 60 ސުވާލު ކޮށްފައިވާކަމަށް ވެސް ގާސިމް މިއަދު ވިދާޅުވިއެވެ.

މަޖިލީހުގެ މަސައްކަތްތަކުގެ ބޮޑު ބައެއް ނިންމިފައި ވިޔަސް ސަރުކާރުން ފޮނުވާފައިވާ މުހިންމު ބިލުތަކެއް ނުނިމި ހުރިކަމަށް ގާސިމް ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ގާސިމް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަން ކޮށްދެއްވި އަބްދުﷲ މަސީހު މުހައްމަދަށާއި މަޖިލީހުގެ ނައިބު ރައީސް ކަން މިހާރުވެސް ކުރައްވަމުން ގެންދަވާ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކަށް ޝުކުރު އަދާ ކުރައްވާފައިވެއެވެ. އަދި ޕާލިމެންޓަރީ ގުރޫޕުތަކުގެ ލީޑަރުންނަށާއި ކޮމެޓީ ތަކުގެ މުޤައްރިރުންނާއި ނައިބުން އަދި އިދާރީ މެންބަރުންނަށް ޝުކުރު ދަންނަވާފައި ވެއެވެ.