ކުރީގެ އުއްތަމަފަނޑިޔާރު މުހައްމަދު ރަޝީދު އިބްރާހީމަށް އިނާޔަތާއި އިމްތިޔާޒުތައް ލިބިދޭ ބިލް ރައްޔިތުންގެ މަޖލީހުން ފާސްކޮށްފި އެވެ.

ފަސްމެންބަރުންގެ ވަގުތީ ކޮމިޓީއަކުން 10 މިނެޓް ތެރޭގައި ބިލު ދިރާސާކޮށް ނިންމުމަށްފަހު މިއަދު ޖަލްސާގެ އެޖެންޑާގައި ބިލު ދިރާސާ ކުރި ގޮތުގެ ރިޕޯޓް ވަނީ ހިމަނާފައެވެ. ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ހުށަހެޅުއްވި އެ ބިލު ފާސްކުރުމަށް 25 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. އަދި މި ބިލާ ދެކޮޅަށް 20 މެމްބަރަކު ވޯޓު ދެއްވި އިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެންބަރަކު ތިއްބެވިއެވެ.

ފަނޑިޔާރުންގެ ގާނޫނަށް ރިޔާޒު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން 2008 ވަނަ އަހަރު އަމަލުކުރަން ފެށި އާ ގާނޫނު އަސާސީގެ ދަށުން ފަނޑިޔާރު ކަމުގެ މަގާމުން ވަކިވާ ކޮންމެ މީހަކަށާ ފަނޑިޔާރު ކަމުގެ މަގާމު ނިމުމަކަށް ގެނެވޭ އުއްތަމަ ފަނޑިޔާރަށް ވެސް ދައުލަތުގެ ފަރާތުން ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒްތަކެއް ލިބިދޭން ޖެހެއެވެ.

މުހައްމަދު ރަޝީދު އިބްރާހިމަކީ ފެހި ގާނޫނުއަސާސީއަށް އަމަލުކުރަން ފެށުމާއެކު ޝަރަފުވެރިކަމާއެކު އުއްތަމަ ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވަޑައިގެންނެވި ފުރަތަމަ ބޭފުޅާއެވެ.

ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ތައާރަފް ކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުގެ ޖަލްސާގައެވެ. މި އެޖަލްސާގައި ވަނީ އެބިލަށް ބަހުސް ކުރުމާއި މަޖިލީހަށް ބަލައިގަތުމާއެކު، ފަސް މެމްބަރުންގެ ވަގުތީ ކޮމެޓީއަށް ހޮވާ އެކޮމިޓީއަށް ދިރާސާ ކުރުމަށް އެދުވަހު ފޮނުވާފައެ.