މާފަންނު އުތުރުދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ސުޕްރީމް ކޯޓަށް ހާޒިރުވާން ޗިޓް ފޮނުވައިފިއެވެ.

އިންތި ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގައި ހުންނަވަނިކޮށް، މާދަމާ ހެނދުނު 8:30 އަށް ސުޕްރީމް ކޯޓަށް ހާޒިރުވުމަށް ޗިޓް ފޮނުވާފައިވާ ކަމަށެވެ. އަދި "ޝަރުއީ ދާއިރާއިން ދައްކާ ބިރަށް ނުހުއްޓަވާނެކަމަށް" އޭނާ ވިދާޅުވިއެވެ.

މައުލޫމާތު ލިބެގޮތުގައި އިންތި ސުޕްރީމް ކޯޓަށް ހާޒިރު ކުރަނީ ޖުޑިޝަރީއާއި ސުޕްރީމް ކޯޓާ ގުޅުވައިގެން ދައްކަވާ ވާހަކަތަކާ ގުޅިގެންނެވެ. އިންތިއަކީ ފާޅުގައި ޕޯޑިއަމްތަކާއި ޓީވީ ޕްރޮގްރާމްތަކުގައި ޝަރުއީ ދާއިރާއަށް، ވަކިން ހާއްސަކޮށް ސުޕްރީމް ކޯޓަށް ފާޑުވިދާޅުވާ ބޭފުޅެކެވެ.

މާދަމާ އިންތި ސުޕްރީމް ކޯޓަށް ހާޒިރުވެވަޑައިގަތުމަށް ޗިޓް ފޮނުވާފައިވާ އިރު، ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދާއި، ގާނޫނީ ވަކީލު އަދި ފޮނަދޫ ދާއިރާގެ އިންތިހާބީ ކެންޑިޑޭޓް މޫސާ ސިރާޖް ވެސް ވަނީ ފަނޑިޔާރު ގެއާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކާއި ގުޅިގެން ސުޕްރީމް ކޯޓަށް ހާޒިރުކޮށްފައެވެ.