ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންނަށް ދައުވާކުރަން މި ހަފްތާގައި ޕުރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އަށް ފޮނުވާނެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ބުނެފިއެވެ.

"ދަޕްރެސް" އަށް މައުލޫމާތު ދެއްވަމުން، އެ ކޮމިޝަންގެ ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ، މާލީ ބަޔާން ހުށަނާޅާ މެންބަރުންނަށް ދައުވާކުރުމަށް އެދި ޕީޖީ އޮފީހަށް މި ހަފްތާ ތެރޭގައި ފޮނުއްވާނެ ކަމަށެވެ. ނަމަވެސް ކޮން ދުވަހަކު ކަމެއް އޭނާ ވިދާޅެއް ނުވެއެވެ. އަކްރަމް ވިދާޅުވީ ޕީޖީއަށް އެ މައްސަލަ ފޮނުއްވުމަށް މަޝްވަރާ ކުރައްމުން ގެންދަވާ ކަމަށެވެ.

އީސީން ބުނީ މާލީ ބަޔާން ހުށަހެޅުމަށް ހުޅުވާލި މުއްދަތު ހަމަވެގެން ދިޔައިރު 39 ކެންޑިޑޭޓަކު މާލީ ބަޔާން ހުށަހަޅާފައި ނުވާކަމަށެވެ. އޭގެ ތެރޭގައި ހިމެނީ އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން 31 ކެންޑިޑޭޓަކާިއ ޕީޕީއެމް ގެ ފަރާތުން ކުރިމަތިލި 2 ކެނޑިޑޭޓުންނާއި ޕީއެންސީގެ ފަރާތުން ކުރިމަތިލި 1 ކެންޑިޑޭޓަކާއި، އަދާލަތު ޕާޓީ ގެ ފަރާތުން ކުރިމަތިލި 1 ކެންޑިޑޭޓަކާއި، އެމްޓީޑީ ގެ ފަރާތުން ކުރިމަތިލި 2 ކެންޑިޑޭޓެއްގެ އިތުރުން ލޭބާ ޕާޓީގެ ފަރާތުން ކުރިމަތިލި 2 ކެންޑިޑޭޓެކެވެ.

ހުރިހާ ކެންޑިޑޭޓުން މާލީ ބަޔާން ހުށަހެޅި ޕާޓީތަކަކީ އެމްޑީޕީ، ޖޭޕީ، އެމްޑީއޭ އަދި ޑީއާރުޕީގެ ކެންޑިޑޭޓުންނެވެ.

މިދިޔަ އަހަރު އިސްލާހު ގެނެވުނު، އިންތިހާބާ ބެހޭ އާންމު ގާނޫނުގައި ވާގޮތުން ނަމަ މާލީބަޔާން ހުށަހަނާޅާ ކެންޑިޑޭޓުން 6 ހާސް ރުފިޔާއާ 24 ހާސް ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެ ނުވަތަ ހަމަހާ ދެ އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލު ހުކުމެއް އިއްވިދާނެއެވެ.