އއ.ތޮއްޑޫން ވިޔަފާރީގެ ބޭނުމަށް ބިން ކުއްޔަށް ދޫކުރުމަށް އެރަށު ކައުންސިލް އިދާރާއިން ކޮށްފައިވާ އިއުލާނުގައި ކޮރަޕްޝަނަށް މަގުފަހިވާ މާއްދާއެއް އޮތުމުން، އެ އިއުލާން ބާތިލުކުރުމަށް އއ. ތޮއްޑޫ ކައުންސިލްގެ އިދާރާއަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގައިފިއެވެ.

އޭސީސީން ނެރިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ތޮއްޑޫން ވިޔަފާރީގެ ބޭނުމަށް ބިން ކުއްޔަށް ދޫކުރުމަށް އެރަށު ކައުންސިލްގެ އިދާރާއިން ކޮށްފައިވާ އިއުލާނާ ގުޅިގެން ކުއްޔަށް ދޫކުރުމަށް އެ ކައުންސިލުން ނިންމާފައިވާ ބިންތައް ދޫކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހުރިކަމަށް ބުނާ މައްސަލަ އެ ކޮމިޝަނުން ބެލިބެލުމުގައި ބިން ކުއްޔަށްދިނުމަށް ކުރި އިއުލާނާގުޅޭ މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ މާކްސްދޭނެ ގޮތްތަކުގައި “މަސައްކަތް ކުރުމަށް މިހާރު ހޯދައިފައިވާ ތަކެއްޗަށް” 30 މާކްސް ލިބޭނެކަމަށް ބަޔާންކޮށްފައި އޮތް އޮތުމުން، މިހާރު ތަކެތި ހޯދާފައިނެތް ނަމަވެސް މިފަދަ މަސައްކަތެއްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބައިވެރިވުމަށް އޮތް ހުރަހެއްކަމަށް ބުނެފައިވެއެވެ.

އޭސީސީން ބުނެފައިވަނީ ވަކި ކަމެއް ފުރިހަމަވާނަމަ މާކްސް ލިބޭނެކަމަށް ބުނެފައިވުމަކީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.2 ގެ (ށ) ގައި ބުނެފައިވާފަދައިން ވަކިބަޔަކަށް ބައިވެރިވުން މަނާކުރާގޮތަށް ގޮތަށް އޮތްކަމެއްކަމަށް ފެންނަ ކަމަށެވެ.

އޭސީސީން ވަނީ ބިން ކުއްޔަށްދޫކުރުމަށް އާއްމުކޮށްފައިވާ އިއުލާން ބާތިލުކޮށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތުގެ މަތީން ބީލަމުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ހަމަހަމަކަމާއި ހާމަކަންބޮޑު ވާދަވެރި އިގްތިސޯދީގޮތުން އެންމެ ފައިދާހުރި ޒިންމާދާރު ގޮތެއްގައި ކުރިއަށް ގެންދެވޭނެގޮތަށް ކުރިއަށް ގެންދިއުމަށް ތޮއްޑޫ ކައުންސިލްގެ އިދާރާއަށް އަންގާފައެވެ.