18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ދައުރުގެ ފަހު ޖަލްސާގެ ކޯރަމް ހަމަނުވެގެން ޖަލްސާ ނުފެށި ލަސްވެއްޖެއެވެ.

މިއަދު ނުވައެއް ޖަހާއިރަށް ފެށުމަށް ހަމަޖެހިފާ ޖަލްސާ ފަށާފައިވަނީ 10:00 ޖަހަނިކޮށެވެ. މިއަދު ޖަލްސާ ފަށަން މަސައްކަތް ކޮށް ކޯރަމް ހަމަނުވުމުގެ ސަބަބުން ރިޔާސަތުން ވަނީ 9:30 ގައި ޖަލްސާ ފެށުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް 9:30 ވިއިރު ވެސް ކޯރަމް ހަމަނުވެގެން ޖަލްސާ ނުފެށެއެވެ. މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ޖަލްސާއެއް ފެށުމަށް ބޭނުންވާ ކޯރަމަކީ 22 މެންބަރުންނެވެ.

މަޖިލިސް އިންތިހާބުގެ ފަހުން ބާއްވަމުން އަންނަ މަޖިލީހުގެ ޖަލްސާތައް ފެށުން ލަސްވާކަން ފާހަގަކުރެވެއެވެ. އެގޮތުން ބައެއް ދުވަސް ދުވަހު ގަޑި އިރަކަށް ޖަލްސާ ލަސްވާއިރު، ކޯރަމް ހަމަނުވުމުގެ ސަބަބުން މީގެ ކުރިން ބައެއް ޖަލްސާތައް ބާއްވާފައި ނުވެއެވެ.

މިއަދުގެ ޖަލްސާ އަށް ވަނީ ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ހަތަރު ބިލާއި ޓުއަރިޒަމްގެ ގާނޫނަށް އިސްލާހުގެ ގެނައުމުގެ ބިލާއި، އާންމު ގަވާއިދުތަކާ ބެހޭ ގާނޫނަށް އިސްލާހުގެ ގެނައުމުގެ ބިލެވެ.

މީގެ އިތުރުން އުއްތަމަ ފަނޑިޔާރުގެ މަގާމުން ވަކިވެވަޑައިގެންނެވި، މުހައްމަދު ރަޝީދު އިބްރާހިމަށް އިނާޔަތް ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހަށް ވޯޓަށް އެހުންވެސް ވަނީ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައެވެ.