ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަބަދުވެސް 'އަކަޔަނބޯ' ހެއްދެވިގެން އުޅުއްވާކަމަށް ވިދާޅުވެ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސް ކަމަށް އަލަށް އިންތިހާބުވެވަޑައިގަތް އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.

"އަކަޔަނބޯ ހެދިގެން އުޅުން" ދިވެހިންގެ ތެރޭގައި އާންމުކޮށް ބޭނުން ކުރަނީ ނެތް މިންވަރަށް މޮޅުވެގެން މީހަކު އުޅޭ އުޅުމަށް ނިސްބަތް ކޮށެވެ.

ނިހާން މިރޭ މި ބީދައިން ރައީސް ސޯލިހުއަށް ފާޑު ވިދާޅުވީ، ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާނާއި އަނިޔާވެރިކޮށް މަރާލާފައިވާ ޔާމީން ރަޝީދަށް އިންސާފު ހޯދައިނުމަށް ގޮވާލާ މާލޭގެ މަގުތަކުގައި ބޭއްވި ހިނގާލުމުގައި ރައީސް ބައިވެރިވަޑައިގެންނެވުމާއި ގުޅިގެންނެވެ.

ނިހާން ވިދާޅުވީ ރައީސް ސޯލިހުގެ ފަރާތްޕުޅުން މިއަދު ފެނިގެންދަނީ އަވައްޓެރި ސްރީލަންކާގައި އާންމުކޮށް މީހުން ބުނެ އުޅޭ ބުނުމެއްގައި ވާ ފަދައިން ވާހަކަފުޅު ވަރަށް ރަނގަޅުވެފައި މަސައްކަތްޕުޅު އެއްވެސް ތާކުން ތާކުން ނުޖެހޭ ތަން ކަމުގައެވެ. އަދި ރައީސް ސޯލިހު ހިނގާލުމުގައި ބައިވެރިވެވަޑައިގަތުމަކީ ވެސް އެގޮތުން ކުރެއްވި ކަމެއް ކަމަށް ނިހާން ވިދާޅުވިއެވެ.

"އިބްރާހިމް މުހައްމަދު ސޯލިހު އެކުރެއްވީ ހަމަ އެބާވަތުގެ ކަމެއް. ވަރަށް ފައްކާ، އޭނަގެ ވެރިކަން، އޭނައަށް ހަމަ ރާއްޖޭގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން އެއްކަލަ އިންސާފު ނުލިބިފަ ހުރި ފަރާތްތަކަށް އިންސާފު ސިސްޓަމުގެ ތެރެއިން ހޯއްދަވައި ދެއްވުމަށް ވަކާލާތު ކުރެއްވޭނެ." ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ އިންސާފު ހޯދައި ދެއްވުމަށް ނިޒާމުގެ ތެރެއިން ރައީސް އަށް ގިނަ ކަންތައްތަކެއް ކުރެއްވޭނެ ކަމަށެވެ. އެގޮތުން ނިހާން ވިދާޅުވީ ރައީސް ސޯލިހަށް އެކަމާ ގުޅޭ ނޫސް ބަޔާނެއް ނެރުއްވިދާނެ ކަމަށެވެ. އަދި ރައްޔިތުންނާ ބައްދަލުކުރައްވާ ޓީވީއިން ނުވަތަ އެނޫންވެސް ގޮތްގޮތުން ވާހަކަފުޅު ދެއްކެވިދާނެ ކަމަށް ނިހާން ވިދާޅުވިއެވެ. ހަމަ އެގޮތުން ރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ކޯޓުތަކުގެ އެހެންވެސް ފަނޑިޔާރުންނަށް އަދި ފުލުހުންގެ އިދާރާއަށް މިކަންތައްތައް ވީގޮތް އޮޅުންފިލުވައި ދެއްވުމަށް ގޮވާލެއްވުމަކީ ވެސް އިންސާފު ހޯއްދަވައި ދެއްވުމަށް ވެރިއެއްގެ ގެ ހައިސިއްޔަތުން ކުރެއްވޭނެ ކަންތައްތައް ކަމަށް ނިހާން ފާހަގަ ކުރެއްވިއެވެ.

2014 ވަނަ އަހަރުގެ އޮގަސްޓު މަހު ރިލްވާން ބަޔަކު ކިޑްނެޕް ކޮށް ގެއްލުވާލި ފަހުން މިހާތަނަށް ވެސް އޭނާއަށް ވީ ގޮތެއް ހޯދިފައެއް ނުވެއެވެ. އަދި 2017 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރު ރިލްވާން ގެ ގާތް އެކުވެރިޔާ ޔާމީން ވެސް ވަނީ އަނިޔާވެރި ގޮތަކަށް މަރާލާފައެވެ.