ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި އައިސިސް ޖަމާއަތަށް ދުނިޔޭގެ އެކި ހިސާބުތަކުން މީހުން ރެކްރޫޓު ކުރަމުންދާ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. އެ ޖަމާއަތަކީ "ޚިލާފަތެއް"ގެ ބާރު ލިބިފައިވާ ބައެއް ކަމަށް ބުނެ މުޅި މެދުއިރުމައްޗަށް އަތްގަދަ ކުރަމުން ދިޔަ ދުވަސްވަރު އައިސިސްއަށް މީހުން ރެކްރޭޓު ކުރަމުން ދިޔައިރު އެ ދަންތުރާގައި ނުޖެހޭ ހަމަ އެއްވެސް ގައުމެއް ނެތެވެ. އެންމެ ޖެހިލުންވާންޖެހޭ ކަމަކީ އެ ކަމެއް އެ ޖަމާއަތުން ކުރާ ގޮތް، އެކަމެއް ކޮށް ނިންމާ ފަހުން ނޫނީ ނޭނގުމެވެ.
މިއީ މީގެ ދެއަހަރެއްހާ ކުރީގެ ވާހަކައެކެވެ. 12 މެމްބަރުންގެ މައްޗަށް އެކުލެވޭ ދިވެހި އާއިލާއެއް އައިސިސްއާއި ގުޅުނު ގޮތުގެ ވާހަކައެވެ. އެކަން ހުއްޓުވުމަށް ދުނިޔޭގެ އެންމެ ބޮޑު އަސްކަރީ ބާރުގެ ގޮތުގައި އޮތް އެމެރިކާއިންވެސް އެތައް އިރެއް ވާންދެން މަސައްކަތްކުރި ގޮތުގެ ވާހަކައެވެ.
2016 ވަނަ އަހަރުގެ އޭޕްރިލް މަހު އިންޑީއާގެ ދުވަހު ނޫހަކުން ރިޕޯޓްކުރި ގޮތުގައި، އައިސިސްއަށް މެމްބަރުން ރެކްރޫޓުކޮށް އޭރު އައިސިސްގެ ބާރު އެންމެ ގަދައަށް އޮތް ސޫރިޔާއަށް ހަނގުރާމަވެރިން ގެންދިއުމަށް ހުރަސް ކުރި މައި ދޮރޯށި ހުރީ އިންޑިއާގެ ބެންގަލޫރުގައެވެ. ދިވެހި އާއިލާވެސް ސޫރިޔާއަށް ދާން ރާވާފައި އޮތީ ބެންގަލޫރު ހުރަސްކޮށެވެ. އެ ނޫހުން ތުހުމަތު ކުރި ގޮތުގައި އިންޑިއާގެ ވަށައިގެންވާ ޖަޒީރާ ތަކަކީ އައިސިސްގެ "ދާނަކަށް" ވުމަށް މާ ގިނަ ދުވަހެއް ނެތެވެ.
ދިވެހި އާއިލާ ސޫރިޔާއަށް ދިއުން ހުއްޓުވުމަށް އެމެރިކާއާއި އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ހިންގި އޮޕަރޭޝަން 100 އަށް ވުރެ ގިނަ ގަޑިއިރަށް ދެމިގެން ދިޔައެވެ. އެމީހުން ހޯދުމުގެ މަސައްކަތް ހުއްޓާލީ ގަތަރު އެއާވޭޒްގެ ފްލައިޓެއްގައި ދޯހާ މަގުން ތުރުކީވިލާތުގެ އިސްތަންބޫލަށް ދިޔަ ހިސާބުންނެވެ. އެއީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހެއެވެ. އެ އާއިލާގެ ޚަބަރެއް އެންމެ ފަހުން ހޯދިފައި ވަނީ ޖެހިގެން އައި އަހަރުގެ ޖަނަވަރީ މަހުގެ 13 ވަނަ ދުވަހުއެވެ. އެއީ އެމީހުން ގެންގުޅުނު ފޯނުތައް އެއްލާލުމަށްފަހު އައިސިސްއާއި ސީދާ ގޮތުން ގުޅުނު ދުވަހެވެ. ދިޔައީ ސޫރިޔާއަށް ކަމެއް ނުވަތަ އިރާގަށް ކަމެއް ކަށަވަރެއް ނުވެއެވެ.
މިކަމުގައި އެމެރިކާއިން ބައިވެރިވީ އައިސިސްއާއި ގުޅުނު އާއިލާގައި އެމެރިކާއިން ތަމްރީނު ވެފައިވާ ޕައިލެޓެއް ހުރުމުންނެވެ. އެއީ 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އެމެރިކާއަށް އަމާޒުވި ފަދަ ޓެރަރިސްޓް ހަމަލާއެއް ތަކުރާރު ވެދާނެ ކަމުގެ ބިރަށްޓަކާ އެމެރިކާއިން ކުރި ކަމެއް ކަމަށް އިންޑިއާގެ ނޫހުން ބުނެއެވެ.
މި ދެންނެވި ދިވެހި އާއިލާ ބެންގަލޫރު މަގުން އައިސިސްއާއި ގުޅުމަށް އިންޑިއާއަށް ދިޔައީ މެޑިކަލް ވީސާގައެވެ. ނަމަވެސް ހޮސްޕިޓަލަކުން އެއްވެސް ފަރުވާއެއް ހޯދިކަމުގެ ރެކޯޑެއް ފެންނަން ނެތް ކަމަށް އިންޑިއާއިން ބުނެއެވެ. ނަމަވެސް އިންޑިއާގައި 10 ވަރަކަށް ދުވަސް އެ އާއިލާއިން ހޭދަކުރި އިރު، އެ އާއިލާއިން އެފަދަ ކަމެއް ކުރަން އުޅޭ ކަމުގެ އިޝާރާތެއް، އެއާއިލާގެ އިސް މެމްބަރަކު ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓްކުރި ކަމަށްވެސް އިންޑިއާގެ ނޫހުގައި ވެއެވެ.
އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކަށް ޚަބަރު ލިބިގެން އެއާޕޯޓަށް ދިޔައިރު ގަތަރު އެއާވޭޒްގެ ފްލައިޓްގައި ދިވެހި އާއިލާ ފުރައިފިއެވެ.
އިންޑިއާއާއި އައިސިސްގެ ގުޅުންތަކުގެ ވާހަކަ މިފަހަކަށް އައިސް އަނެއްކާވެސް ފެންމަތިވީ ހުސްވި ހަފުތާގައި ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގެ މޭސްތިރިވެސް އިންޑިއާގައި ދުވަސްތަކެއް ހޭދަކުރި ކަމަށް ބުނާ ޚަބަރާ އެކުގައެވެ. ޒަހްރާން ހާޝިމު ގިނަ ދުވަސްތަކެއް ވަންދެން އިންޑިއާގައި ހުރި ކަމަށާ، ހަނގުރާމަވެރި ފިކުރަށް މީހުން ރެކްރޫޓު ކުރުމުގެ މަސައްކަތް އެނާ އެތާނގައި ކުރި ކަމަށް ބުނާ ޚަބަރުތަކެއްވެސް ވަނީ ފެންމަތި ވެފައެވެ.
ސިހުން ގެނުވާ ކަމަކީ އައިސިސްއާއި ގުޅުމަށް އޮތް މައި ދޮރާށި، ހީކުރި ވަރަށްވުރެ ދިވެހިންނާ ގާތުގައި އޮތުމެވެ. ލަންކާ މަގުން އެ ދަތުރު ރޭވުމުގެ ބަދަލުގައި އިންޑިއާ ހިޔާރު ކުރުމުގެ ސަބަބުތަކެއްވެސް އޮންނާނެތާއެވެ. ޖިއޮޕޮލިޓިކަލް ސައިންޓިސްޓުން ބުރަވާ ގޮތުގައި މިކަން ގުޅެނީ ދުނިޔޭގެ 1 ނަންބަރު ބާރުގެ ގޮތުގައި ޗާއިނާގެ މައްޗަށް އިންޑިއާ ގަދަވުމަށް އެގައުމުން ރާވާ ކުޅިބައެއްގެ ގޮތުގައެވެ.