ކުުރިއަށް އޮތް ޖީލުތަކަށް ރާއްޖޭގެ ގުދުރަތީ ވެށި އެގޮތުގައިި ހަލާކުނުވެ ފެންނަން އޮންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ޖަމާލުއްދީނު ސްކޫލުގައި ރޭ ބޭއްވި "ވުޑްބެޖް ރީޔޫނިއަން ބެންކުއަޓް" ހަފުލާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން ރާއްޖެ ތަރައްގީކުރުމަށް މަސައްކަތް ކުރާއިރު، އެންމެ އިސްކަމެއް ދެއްވަނީ ރާއްޖޭގެ ގުދުރަތީ ރީތިކަން ވީހާވެސް ބޮޑަށް ދެމެހެއްޓޭނެ ގޮތަކަށް ތަރައްގީ ގެނައުމަށް ކަމުގައެވެ. އަދި އޭގެ ސަބަބުން ކުރިމަގުގެ ޖީލުތަކަށް ރާއްޖޭގެ ގުދުރަތީ ވެށި އެގޮތުގައިި ހަލާކުނުވެ ފެންނަން އޮންނާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހަރަކާތްތެރި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތަކާއި ތަރުބިއްޔަތު ދަސްކުރުމަށްޓަކައި މުޖުތަމައަށް ނުކުމެ އަމަލީ ގޮތުން ހަރަކާތްތަކުގައި ޝާމިލުވެ އުޅުމަކީ ސަރުކާރުން ވަރަށް ބޮޑަށް ބާރުއަޅާ ކަމެއްކަމަށެވެ.

ރައީސް ސޯލިހްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ސްކައުޓް ހަރަކާތުން އޯގާތެރިވުމަށާއި، އިތުބާރު ހިފޭ ފަރާތަކަށް ވުމަށާއި، ކަންކަމަށް ފަރުވާތެރިވުންފަދަ މުހިންމު ސިފަތައް ދަސްކޮށްދޭކަން ފާހަގަ ކުރައްވާފައެވެ. އަދި ސްކައުޓުގެ ހަމަތަކާއި އުސޫލުތައް ގައުމުގައި ފެތުރިގެންދާވަރަކަށް އޭގެ ހެޔޮ އަސަރު މުޖްތަމައަށް ކުރާނެކަމަށާއި އޭގެ ސަބަބުން ފަރުދުންގެ މެދުގައި އެއްބައިވަންތަކަން ވެސް އިތުރުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ސްކައުޓް ހަރަކާތް ރާއްޖެއަށް ތައާރަފުވިފަހުން، ވޭތުވެދިޔަ 60 ވަރަކަށް އަހަރުގެ ތެރޭގައި ދިވެހި އެތައް ދަރިންނެއްގެ ކިބައިގައި އިޖްތިމާއީ ރަނގަޅު އާދަތައް ހަރުލެއްވުމުގައި ސްކައުޓް ހަރަކާތުގެ ދައުރު ބޮޑުކަން ރައީސް ފާހަގަ ކުރެއްވެވިއެވެ.

ސްކައުޓު އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި މި ހަފްލާގައި އަދި ސްކައުޓް އެސޯސިއޭޝަންގެ ފަރާތުން ރައީސް ސޯލިހަށް ހަނދާނީ ފިލައެއް އެރުވިއިރު މި ހަފްލާގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ގައުމުތަކުގެ ސްކައުޓް ލީޑަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.