އެންމެ ފަސޭހައިން ތައްޔާރުކޮށްލެވޭ، އެންމެ ސިއްހަތަށް ފައިދާ ކުރަނިވި ލުއި ނާސްތާއަކީ ކޮބައިތޯ ސުވާލުކޮށްލައިފި ނަމަ ބިސްގަނޑަކާ ކިރުތައްޓެކޭ ބުނާ މީހުންގެ އަދަދު މަދު ނުވާނެކަން ޔަގީނެވެ. އަޑު އަހާލާއިރުވެސް، ފެންނަ ފެނުމަށްވެސް މިއީ ސިއްހަތަށް އިންތިހާއަށް ފައިދާ ލިއްބައިދެނިވި ނާސްތާއެއް ކަމުގައި ގަބޫލުކުރެވެއެވެ. ކަންމިހެން އޮތް ނަމަވެސް، ކިރާ ކުކުޅު ބިހަކީ އެކުގައި ބޭނުން ކުރަން މާ އެކަށީގެންވާ ދެ ބާވަތެއް ނޫންކަމަށް ޒަމާނުއްސުރެ ބުނެ އުޅޭތީ އަޑުއިވިފައި އޮވެއެވެ. އެއީ އެކުގައި ބޭނުންކޮށްފިނަމަ ސިއްހަތަށް ގެއްލުންދޭނެ ކާބޯތަކެތި ކަމަށްވެސް ބަޔަކު ބުނާތީ އަޑުއިވުނެވެ.
"ދަ ކޮމްޕްލީޓް ބުކް އޮފް އަޔުރުވެދިކް ހޯމް ރެމެޑީޒް، އަ ކޮމްޕްރިހެންސިވް ގައިޑް ޓު އޭންޝަންޓް ހީލިންގް އޮފް އިންޑީއާ" މިފޮތް ބުނާ ގޮތުގައި ބަނޑުގެ ގިނަ މައްސަލަތައް އުފެދިގެން އަންނަނީ ނުގުޅޭ ދެއެއްޗެއް ކެއުމުގައި އެއްކުރެވޭ ހިސާބުންނެވެ. ނުގުޅޭ ދެއެއްޗެއް އެއްކުރެވުމުގެ ސަބަބުން ހަޖަމް ކުރަން ދަތިވުމުގެ އިތުރުން، ކާބޯތަކެތި ކަރުވެ ކުނިވެ، ގޭސް އުފެދޭ ގޮތްވެސް މެދުވެރިވެއެވެ. މިފަދަ ގޮތަކަށް އެކުގައި ބޭނުންކުރެވޭ އެކައްޗަކީ ކުކުޅު ބިހާ ކިރެވެ.
ނިއުޓްރިޝަނިސްޓް މެހްރް ރާޖުޕުޓް ބުނާ ގޮތުގައި ކުކުޅަ ބިހަކީ ޕްރޮޓީންސް އާއި އެމީނޯ އެސިޑްގެ އިތުރުން ރަނގަޅު ސަރުބީގެ ރަން ހަޒާނާއެކެވެ. ކިރުގައި އެކުލެވެނީ ޕްރޮޓީންއާއި ކެލްސިއަމްކަން އަޅުގަނޑުމެން އެންމެންވެސް ދަންނަމުއެވެ. ކިރުތައްޓަކާއެކު ފެނު ކެއްކި ކުކުޅު ބިހެއް ކެއުމަކީ ހަށިގަނޑަށް ބޭނުންވާ ޕްރޮޓީންސްގެ މާއްދާ އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިއްބައިދޭ އެއް ނާސްތާއެވެ. ނަމަވެސް މި ބިހަކީ ރަނގަޅަށް ރޯ ފިލަންދެން ކައްކާފައި އޮންނަ ބިހަކަށް ވާން ކޮންމެހެންވެސް ޖެހެއެވެ.
ކޮންސަލްޓަންޓް ނިއުޓްރިޝަނިސްޓް ޑރ. ރޫޕާލީ ދައްތާގެ ފިކުރުވެސް ހުރީ މިފަދަ ގޮތަކަށެވެ. ޑރ. ރޫޕާލީ ވިދާޅުވާ ގޮތުގައި ފެނުކެއްކި ބިހާ ކިރު އެކީގައި ބޭނުންކުރެވިދާނެއެވެ. ނަމަވެސް ބޮޑީބިލްޑް ކުރުމުގެ ޝައުގު ހުންނަ ބައެއް މީހުންނަކީ ދުވާލަކު 4-5 ރޯބިސް ބޭނުންކުރާ މީހުން ކަމަށާ، މިކަމުގައި ނުރައްކާތަކެއް ހުރިކަން ޑރ. ރޫޕާލީ ވަނީ ފާހަގަކުރައްވާފައެވެ. އޭގެ ބަދަލުގައި ރަނގަޅަށް ފެނު ކައްކާފައި ހުންނަ ބިހާއެކު ކިރުތައްޓެއް ބޭނުންކުރުމުން، ހަށިގަނޑަށް ބޭނުންވާ ވަރަށް ޕްރޮޓީންސް ލިބޭނެ ކަމަށް ޑރ. ރޫޕާލީ ވިދާޅުވެއެވެ.
ކަންމިހެންތ އޮތް ނަމަވެސް ކުކުޅު ބިހާ ކިރު އެކުގައި ބޭނުން ކުރުމަކީ ބައެއް މީހުންނަށް ބަނޑުގެ އުނދަގޫތަކާ ކުރިމަތިކުރުވާ ކަމެކެވެ. މިފަދަ މީހުން ކުކުޅު ބިހާ ކިރު އެކުގައި ބޭނުންކުރުމާ ދުރުހެލިވާންޖެހެއެވެ. އަދި އެމީހެއްގެ ހަށިގަނޑަށް އެންމެ ގުޅޭ ގޮތަށް ކެއިން ބުއިމުގެ އާދަ ބައްޓަން ކުރަންޖެހެއެވެ. ކުކުޅު ބިހަކީ ބައެއް މީހުންނާ ނުގުޅޭ އެއްޗަކަށް ވާއިރު، ސަނާމުގު ފަދަ އެއްޗަކުންވެސް މި ޕްރޮޓީންސްގެ މާއްދާ ހޯދި ދާނެއެވެ.