ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ގިނަ އަހަރުތަކެއް ވަންދެން އުއްތަމަ ފަނޑިޔާރުކަން ކުރެއްވި މުހައްމަދު ރަޝީދު އިބްރާހިމަށް އިނާޔަތް ލިބޭގޮތަށް ފަނޑިޔާރުންގެ ގާނޫނަށް، ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ހުށަހެޅުއްވި އިސްލާހު ކޮމިޓީން ބަދަލެއް ނުގެނެސް ފާސްކޮށްފިއެވެ.

މިއާއެކު އަންނަ ހޯމަ ދުވަހު އޮންނަ މަޖިލިސް ޖަލްސާގައި މި ބިލަށް ވޯޓަށް އެހުމަށް ތާވަލު ކުރެވޭނެކަމަށް ބެލެވެއެވެ. ފަނޑިޔާރުންގެ ގާނޫނަށް ރިޔާޒު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން 2008 ވަނަ އަހަރު އަމަލުކުރަން ފެށި އާ ގާނޫނު އަސާސީގެ ދަށުން ފަނޑިޔާރު ކަމުގެ މަގާމުން ވަކިވާ ކޮންމެ މީހަކަށާ ފަނޑިޔާރު ކަމުގެ މަގާމު ނިމުމަކަށް ގެނެވޭ އުއްތަމަ ފަނޑިޔާރަށް ވެސް ދައުލަތުގެ ފަރާތުން ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒްތަކެއް ލިބިދޭން ޖެހެއެވެ.

ބިލު ދިރާސާ ކުރުމަށް އެކުލަވާލި ފަސް މެންބަރުންގެ ވަގުތީ ކޮމިޓީގެ ރިޕޯޓުގައިވާ ގޮތުން، ކޮމިޓީގެ މުގައްރިރަކަށް ހޮއްވަވާފައިވަނީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަދި ނައިބު މުގައްރިރަކަށް ހޮއްވަވާފައިވަނީ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދެވެ. އަދި ބިލާ ގުޅޭގޮތުން ކޮމިޓީގައި މަޝްވަރާ ކުރުމަށްފަހު ބިލު ހުށަހަޅާފައިވާ ގޮތަށް އެއްވެސް އިސްލާހަކާ ނުލާ ބިލު އޮތްގޮތަށް ފާސްކުރުމަށް ކޮމިޓީގެ މެންބަރުން ވަނީ އިއްތިފާގުވެފައެވެ.

މި ކޮމިޓީގައި އަބްދުއްރަހީމާއި އިލްހާމްގެ އިތުުރުން ހިމެނިވަޑައިގަންނަވަނީ ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދާއި، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުމުން، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ މެންބަރުން ވަނީ މިކަމާއި ދެކޮޅު ހައްދަވާފައެވެ. އެގޮތުން މަޖިލީހަށް މި ބިލު ހުށަހެޅުމުން، މި ބިލާ އެއްކޮޅަށް 31 މެންބަރުންގެ ވޯޓު ދެއްވާފައި ވާއިރު މި ބިލާ ދެކޮޅަށް 15 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ. އަދި ވަކި ގޮތަކަށް ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.

މި ބިލުގެ މައްސަލައިގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ ފަނޑިޔާރުންނަށް އިނާޔަތް ދޭ ބިލު އެއް ކިޔުމުން ނިންމާ، ބަހުސް ކޮށް ވޯޓަށް އަހާ ނިންމާލަން މަޖިލީހުގެ ރިޔާސަތުން، މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވަނީ އެޖެންޑާ ކުރައްވާފައި ކަމަށެވެ.

"މިހާރު އޮތް މަޖިލީހުގެ 70 ޕްސެންޓު މެންބަރުންނަށް ރައްޔިތުން ނޫނެކޭ ބުނެފައި އޮއްވާ، އަދި ބާކީ 3 ޖަލްސާ އޮއްވާ، އަވަސް އަރުވާލައިގެން ނިންމަން މިއުޅެނީ ކޮންކަމެއް" މަޖިލީހުން އަވަސް އަރުވާލައިގެން ފަނޑިޔާރުންގެ ބިލް ނިންމަން އުޅޭ އުޅުމަށް އީވާ ސުވާލު އުފެއްދެވިއެވެ.