ސްރީލަންކާ އަށް މިދިޔާ އާއްދީއްތަ ދުވަހު ދިން ބޮމުގެ ހަމަލާ ތަކުގައި މަރުވެފައިވަނީ 253 މީހުން ކަމަށާ 359 މީހުން ކަމަށް ބުނެވުނީ ހިސާބު ހެދުމުގެ މައްސަލައަކުން ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ. މީހުން މަރުވެފައިވާ އަދަދު ބޮމުގެ ހާދިސާ އަށް ފަހުވެސް ދިޔައީ އިތުރުވަމުންނެވެ.

މިދިޔަ އާދީއްތަ ދުވަހު ލަންކާ އަށް ދީފައިވާ ބޮމުގެ ހަމަލާތަކާ ގުޅިގެން އެ ގައުމުގައި މާދަމާގެ ހުކުރު ނަމާދު މިސްކިތުގެ ޖަމާއަތުގައި ނުކުރުމަށާއި ގޭގައި ހުކުރުނަމާދު ކުރުމަށް އެ ގައުމުގެ މިނިސްޓާ އޮފް ޕޯސްޓަލް ސާވިސް އެންޑް މުސްލިމް ރިލިޖިއަން އެފައާސް ވަނީ ގޮވާ ލައްވާފައެވެ.

އަދި ބޭރަށް ނިކުމެ އުޅުމުގައި ލަންކާގެ ރައްޔިތެއްނަމަ އައިޑީ ކާޑް އަދި ބިދޭސީ އެއްނަމަ ޕާސްޕޯޓް ބޭނުންކުރުމަށް ލަންކާގެ ކަމާބެހޭ ވުޒާރާ ތަކުން ދަނީ ގޮވައިލަމުންނެވެ. މީގެ އިތުރުން ސަލާމަތީ ބާރު ތަކުން ލަންކާއަށް ޓެރަރިސްޓް ހަމަލާ ދިން ފަރާތްތަށް ހޯދުމަށް ކުރަމުން ދާ މަސަތްކަތަށް އެއްބާރުލުން ދިނުމަށާ އެއްވެސް އާންމު ރައްޔިތެއް މޫނު ނިވާކޮށްގެން ނުވަތަ މޫނު ބުރުގާ އަޅައިގެން ބޭރަށް ނުނިކުތުމަށް ލަންކާއިން ދަނީ ގޮވައިލަމުންނެވެ.

މިދިޔަ އާއްދީއްތަ ދުވަހު ލަންކާ އަށް ދީފައިވާ ބޮމުގެ ހަމަލާ ތަކުގައި 253 މިހުން މަރުވި އިރު ގިނަ ބަޔަކު ވަނީ މި ހަމަލާ ތަކުގައި ޒަހަމް ވެފައެވެ. ނަމަވެސް އެއްވެސް ދިވެއްސަކަށް މި ހަމަލާ ތަކުގެ ސަބަބުން އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބިފައި ނުވާކަމަށް ލަންކާ އެމްބަސީން މައުލުމާތުދެއެވެ.