ލޮނުޒިޔާރަތް މަގުން ސުކޫލު ކުދިން ގޮވައިގެން ގިނަ އަދަދެއްގެ ބެލެނިވެރިން ހިނގަމުން ދަނިކޮށް، އެމަގަށް ކުޑަދޮރަކާއި ގޮފިގަނޑެއް ވެއްޓިއްޖެއެވެ.

މި ހާދިސާގައި ވެއްޓިފައިވަނީ ގ. ކަމަރާ ގޭގެ 4 ވަނަ ބުރީގައި ހަރުކޮށްފައި ހުރި އެލުމިނިއަމް ކުޑަދޮރެކެވެ. ކުޑަ ދޮރު ވެއްޓުނު އިރު ވެއްޓިފައިވަނީ އެގޭ ކައިރީގައި ހުރި ގަހުގެ އޮފިގަނޑަކާ އެކީގައި ކަމަށް މަންޒަރުދުއް މީހަކު 'ދަ ޕްރެސް' އަށް ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ އެ ގޭގެ 4 ވަނަ ފަންގިފިލާގައި ހަރުކޮށްފައިވާ ކުޑަދޮރެއް ވެއްޓުނު ވަގުތު މަގުމަތިން ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހިފައިވާކަން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވާކަމަށެވެ. އަދި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް ފުލުހުން ބުނެއެވެ. އެކަމަކު ދެ ސައިކަލަކަށް ގެއްލުންވެފައި ވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މައުލޫމާތު ދޭގޮތުގައި މިކަން މިހާރު ވަނީ މާލޭ ސިޓީ ކައުންސިލާ ހިއްސާކޮށްފައެވެ.

މި ފަހަކަށް އައިސް މާލޭގެ ބައެއް އިމާރާތްތަކުން ކުޑަދޮރު ފަދަ ތަކެތި ވެއްޓުން ވަނީ އިތުރުވެފައެވެ. އެގޮތުން މީގެ ހަފްތާއެއްހާ ދުވަސް ކުރިން މުރަނގަ މަގާއި ޝަހީދް އަލީ ހިނގުން ގުޅުނު ކަންމަތީގައި ގައި ހުރި ގެއެއްގެ ކުޑަ ދޮރު ވެސް މަގުމައްޗަށް ވެއްޓިފައިވެއެވެ. އަދި މިދިޔަ މަހު މާފަންނުގައި އިންފިނިޓީ ބިލްޑާސް ޕްރައިވެޓް ލިމިޓެޑުން ހަދަމުންދިޔަ ގެއެއްގެ ތިންވަނަ ބުރިން ބިއްލޫރި އާއި އެލުމިނިއަމް ކުޑަދޮރެއް ވެއްޓިފައިވެއެވެ.