ހިއުމަން ރައިޓްސް ކޮމިޝަނު (އެޗްއާރްސީއެމް) ގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެން.ޕީ.އެމް) އިން މާލޭ ޖަލަށް ކުރިން ކޮށްފައިވާ ޒިޔާރަތްތަކުގައި ކަމާގުޅޭ އިދާރާތަކަށް ހުށައަޅާފައިވާ ކަންތައްތައް ތަކުގެ ތެރެއިން ބައެއް ކަންކަން އަދިވެސް ތަންފީޒު ނުވެ ހުރި ކަމަށް އެޗްއާރްސީއެމް އިން ބުނެފިއެވެ.

ވޭތިވެދިޔަ 2011، 2014 އަދި 2017 ވަނަ އަހަރު މާލޭ ޖަލަށް ޒިޔާރަތްކޮށް ކަމާ ގުޅޭ ފަރާތްތަކާ އެކު ހިއްސާ ކޮށްފައިވާ ކަންކަމުގެ ތެރެއިން ތަންފީޒު ކޮށްފައިވާ މިންވަރާއި، ތަންފީޒުނުކޮށް ގިނަ ދުވަސްވެފައިވާ ހުށައެޅުންތައް ތަންފީޒު ކުރުމަށް ދިމާވެފައިވާ ދަތިތައް ދެނެގަތުމަށްޓަކާ އެންޕީއެމް އިން އިއްޔެ އާއި މިއަދު މާލޭ ޖަލުތަކަށް ޒިޔާރަތް ކޮށްފައިވެއެވެ.

މިޒިޔާރަތުގައި ފާހަގަ ކުރެވުނު ކަންތައްތައް ހިމެނޭ އަވަސް ކަރުދާހެއް 3 ދުވަހަށް ވުރެ ދިގު ނޫން މުއްދަތެއްގެ ތެރޭ ކަރެކްޝަންސް ސާވިސް އާ ހިއްސާ ކުރުމަށް ނިންމާފައިވެއެވެ. އަދި މިޒިޔާރަތުގެ މައްޗަށް ބިނާ ކޮށް ލިޔާ ރިޕޯޓު ތައްޔާރުކޮށް މާލޭ ޖަލާއި، ކަރެކްޝަންސް ގެ އިތުރުން ކަމާ ބެހޭ އހެން އިދާރާތަކަށް ހުށައެޅުމަށް އެންޕީއެމް އިން ނިންމާފައިވެއެވެ.

މީގެ އިތުރުން އެޗްއާރްސީއެމް އިން ބުނީ އެންޕީއެމްގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަންތައްތަކާ މެދު މަޝްވަރާ ކުރުމަށް ކަރެކްޝަންސް އާ އެކު ބައްދަލުވުމެއް ބާއްވާނެ ކަމުގައެވެ. އަދި ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަންތައްތަކާއި އިސްލާހުކުރުމަށް ހުށައަޅާފައިވާ ހުށައެޅުންތައް ތަންފީޒުކުރެވޭ މިންވަރު ދެނެގަތުމަށް ކޮންމެ އަހަރަކު ދެފަހަރު ފޮލޯއަޕް ހަދަމުން ގެންދާނެ ކަމަށް ވެސް އެޗްއާރްސީއެމުން ބުނެއެވެ.