19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ބައިވެރިވި ކެންޑިޑޭޓުންގެ މާލީ ބަޔާން ބަލައިގަތުން ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީ އިން ބުނީ ކެންޑިޑޭޓުންގެ މާލީ ބަޔާން ބަލައިގަންނާނީ އީސީގެ ފަސް ވަނަ ފަންގިފިލާއިން ކަމަށެވެ. އަދި ބަޔާން ބަލައިގަންނަ ގަޑިތައްވެސް އެ ކޮމިޝަނުންވަނީ އާންމުކޮށްފައެވެ.

އެގޮތުން ބުދަ ދުވަހާއި ބްރާސްފަތި ދުވަހު މާލީ ބަޔާން ބަލައިގަތުން އޮންނާނީ ހެނދުނު އަށަކުން ރޭގަނޑު 12 އަށެވެ. އަދި ހުކުރު ދުވަހު މާލީ ބަޔާން ބަލައިގަތުން މެންދުރު 14:30 އިން ރޭގަނޑު 12 އަށް އޮންނަ އިރު ހޮނިހިރު ދުވަހު މާލީ ބަޔާން ބަލައިގަންނާނީ ހެނދުނު ނުވަޔަކުން ރޭގަނޑު 12 އަށް ކަމަށް އީސީން ބުނެއެވެ.

އިންތިހާބުގައި ވާދަކުރި ހުރިހާ ކެންޑިޑޭޓުން، އިންތިހާބަށްފަހު 30 ދުވަސްތެރޭގައި އެ ކެންޑިޑޭޓެއްގެ މާލީ ބަޔާން އިލްކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުމަކީ ކެންޑިޑޭޓް އަދި ކެންޑިޑޭޓްގެ އެޖެންޓްގެ ގާނޫނީ ޒިންމާއެކެވެ. އެއީ އިންތިހާބު ކާމިޔާބު ވިޔަސް ނުވިޔަސް އިންތިހާބުގައި ބައިވެރިވި ހުރިހާ ކެންޑިޑޭޓުން ގާނޫނީ ގޮތުން ހުށަހަޅަން ޖެހޭ އެއްޗެކެވެ.

ކެންޑިޑޭޓުން ހުށަހަޅާ މާލީ ބަޔާނުގައި އެ ކެންޑިޑޭޓަކު އިންތިހާބާ ގުޅިގެން ކޮށްފައިވަ ހަރަދުތަކުގެ ތަފްސީލު ހިމަނަން ޖެހެއެވެ. އަދި ކެންޑިޑޭޓްގެ ބަޔާން އާންމުކޮށް ބެލޭނެ ނިޒާމް އީސީން ހަމަޖެއްސުމަކީ އީސީގެ ޒިންމާއެކެވެ. 19 ވަނަ މަޖިލިސް އިންތިހާބުގައި 87 ދާއިރާއަށް 386 ކެންޑިޑޭޓުން ވާދަކުރިއިރު ހުރިހާ ކެންޑިޑޭޓުން ވެސް މާލީ ބަޔާން ހުށަހަޅަން ޖެހޭނެއެވެ.