އީރާނުން އުފައްދާ ތެޔޮ ގަންނާނެ ބައިނަލްއަގުވާމީ ފަރާތްތައް ހޯދާނެ ކަމަށާ، އީރާނުގެ ތެލުގެ އުފެއްދުންތައް ސަޕްލައިކުރުމަށް ހޮރްމޫޒު ކަނޑުއޮޅި ބޭނުން ކުރާނެ ކަމަށާ، އެކަން ހުއްޓުވުމަށް އެމެރިކާއިން މަސައްކަތްކޮށްފި ނަމަ އެކަމުގެ ހިތި ރަހަ ތަޖުރިބާ ކުރުމަށް އެމެރިކާ ތައްޔާރަށް އޮތުމަށް އީރާނުގެ ހާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފު އިންޒާރު ކުރައްވައިފިއެވެ.

އެމެރިކާގެ ނިއު ޔޯކް ސިޓީގައި ތަގުރީރު ކުރައްވަމުން ޒަރީފު ވަނީ، އީރާނުގެ ތެލުގެ ވިޔަފާރިއަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަޅުއްވާ "ތާކުންތާކު ނުޖެހޭ" ފިޔަވަޅުތަކާ ދެކޮޅަށްވެސް އިންޒާރު ކުރައްވާފައެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ޒަރީފު ވިދާޅުވީ ހޮރުމޫޒު ކަނޑުއޮޅި ހުޅުވާފައި ބޭއްވުމަކީ އީރާނުގެ ގައުމީ ސަލާމަތުގެ މަސްލަހަތާ އިންތިހާއަށް ގުޅިފައި އޮތް ކަމެއް ކަމަށެވެ.

ހޮރުމޫޒު ކަނޑުއޮޅިއަކީ ގަލްފް ސަރަހައްދުގެ ތެލުގެ ސަޕްލައިއާއި ގުޅިފައިވާ މައި މަގެވެ.

އީރާނުގެ ހާރިޖީ ވަޒީރު މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި މިވަނީ، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލާންޖެހުމަކާ ނުލާ، އީރާނުން ތެޔޮ ގަތުމަށް ބައެއް ގައުމުތަކަށް އެމެރިކާއިން ދޫކޮށްފައި ހުއްދައިގެ މުހުލަތު އިތުރު ނުކުރުމަށް ނިންމާ، އެމެރިކާއިން އެކަން އިއުލާންކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އީރާނުގެ ތެލުގެ ވިޔަފާރިއާއި ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންދަނީ، އެ ފައިސާއަކީ އީރާނުގެ ނިއުކްލިއާ މަޝްރޫއަށް ހަރަދުކުރާ ފައިސާކަމަށް ތުހުމަތުކުރުމަށްފަހުގައެވެ. އެމެރިކާއިން ބުނާ ގޮތުގައި އީރާނުގެ ނިއުކްލިއާ މަޝްރޫއަކީ އެގައުމުން ނިއުކްލިއާ ހަތިޔާރުގެ ބާރުވެރިކަން ހޯދުމަށް ހިންގާ މަޝްރޫއެކެވެ. ނަމަވެސް އީރާނުން ބުނަމުންދަނީ، އެގައުމުގެ ނިއުކްލިއާ މަޝްރޫއަކީ މަދަނީ ބޭނުންތަކަކަށްޓަކައި ކުރިއަށް ގެންދާ ސުލްހަވެރި މަޝްރޫއެއް ކަމަށެވެ.