މާފުށީ ޖަލުގައި ގައިދީންނަށް ހާއްސަކޮށްގެން ލޯންޑްރީއަކާއި އެކަހެރި ބައްދަލުވުންތަކަށް ހާއްސަ ދެ އެޕާޓްމެންޓް ހުޅުވައިފިއެވެ.

ލޯންޑްރީއާއި އެޕާޓްމެންޓްތައް ހުޅުވުމަށް މިއަދު މާފުށީ ޖަލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުުގައި މިތަންތަން ހުޅުވާދެއްވީ މާފުށީ ޖަލުގެ ޑިރެކްޓަރު، އެސިސްޓެންޓް ސުޕްރިންޑެންޓް އޮފް ޕްރިޒަންސް އަހުމަދު ރިޒާއެވެ.

އެކަހެރި ބައްދަލުވުންތަކަށް މިއަދު ހުޅުވި ދެ އެޕާޓްމަންޓާއެކު މިހާރު އެ ޖަލުގައި އެކަހެރި ބައްދަލުވުމަށް ހަތަރު އެޕާޓްމެންޓް ބޭނުން ކުރެވެމުން ދާނެކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

މިއަދު މާފުށީ ޖަލުގައި އެކަހެރި ބައްދަލުވުންތަކަށް ހާއްސަކޮށްގެން ހުޅުވި އެޕާޓްމެންޓް / ފޮޓޯ: މޯލްޑިވްސް ކަރެކްޝަންސް

ކަރެކްޝަންސް އިން ބުނީ، މިއަދު ހުޅުވި ލޯންޑްރީއަކީ، އޮފިސަރުންގެ ބެލުމުގެ ދަށުން އަންހެން ގައިދީން އެއްޗެހިދޮވުމަށް ހާއްސަކޮށްގެން ހުޅުވި ލޯންޑްރީއެއް ކަމަށެވެ. އަދި މި ލޯންޑްރީ ހުޅުވީ އަންހެން ގައިދީން ބައިތިއްބާފައި ތިބޭ ޔުނިޓް ގައި ކަމަށާއި މި ލޯންޑްރީގައި މަސައްކަތް ކުރުވާނީ ގައިދީންނަށް އުޖޫރަ ދީގެން ކަމަށްވެސް ކަރެކްޝަންސް އިން ބުނެއެވެ.

މީގެ އިތުރުން ކައިރި މުސްތަގުބަލެއްގައި ފިރިހެން ގައިދީން ބޭނުންކުރުމަށް އެ މީހުން ބައިތިއްބާފައި ތިބޭ ޔުނިޓްގައި ވެސް ލޯންޑްރީ އެއް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.