ފަނޑިޔާރުކަމުން ވަކިވާ ފަރާތްތަކަށް އިނާޔަތް ދިނުމަށް ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހު ބަލައިގަނެ، އެ ބިލް ދިރާސާ ކުރުމަށް ވަގުތީ ކޮމިޓީއަށް ފޮނުވައިފިއެވެ.

މިއަދު ބޭއްވި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 16 ވަނަ ޖަލްސާގައި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދެވެ. ރިޔާޒް ހުށަހެޅުއްވި މި ބިލާއި އެއްކޮޅަށް 31 މެންބަރުންގެ ވޯޓު ދެއްވާފައިވާއިރު މި ބިލާ ދެކޮޅަށް 15 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ. އަދި ވަކި ގޮތަކަށް ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. މި ބިލާ އެއްކޮޅަށް ބޮޑު އަޣުލަބިއްޔަތެއް ލިބުމާއި ގުޅިގެން މި ބިލް ވަނީ ބަލައިގެންފައެވެ.

މި ބިލް ހުށަހެޅުމުގެ އިތުރުން ރިޔާޒުވަނީ މި ބިލް ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއަށް ފޮނުވުމަށް ވެސް ހުށަހަޅާފައެވެ. ނަމަވެސް ރިޔާޒު ހުށަހެޅުއްވި ނަންތަކުގެ ތެެރެއިން ބައެއް އިދިކޮޅު މެންބަރުން ތަނާޒިލު ވުމާ ގުޅިގެން ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ އަލުން އާ މެންބަރުންތަކެއްގެ ނަންތައް ހުށަހަޅުއްވާފައެވެ. އަބްދުރަހީމް ހުށަހެޅި ނަންތަކުގެ ތެރޭގައި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހާއި، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ އިތުރުން ރިޔާޒް އަދި އަބްދުރަހީމް ވެސް ހިމެނެއެވެ. ވަގުތީ ކޮމިޓީގައި މި މެންބަރުން ހިމެނުމަށް ފާސްވީ 27 މެންބަރުންގެ ވޯޓާއެކުގައެވެ.

ފަނޑިޔާރުންނަށް އިނާޔަތް ދިނުމުގެ ބިލްގެ ފުރަތަމަ ކިޔުން މިއަދު އިއްވި އިރު، އިބްތިދާއީ ބަހުސް ކުރިޔަށް ގެންގޮސް ބަހުސް ނިންމާލުމަށްފަހު މި ބިލް މިއަދު ކޮމިޓީ އިން ވެސް ފާސް ކުރާނެ ކަމަށް ބެލެވެއެވެ.