ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށްދޭ އިނާޔަތްތައް އިތުރުކުރުމަށް އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅި ބިލް އަނބުރާ ނެގުމަށް ނިންމައިފިއެވެ.
މަޖިލީހުގެ ކުރީގެ މެންބަރުންނަށް ލިބޭ އިނާޔަތްތައް އިތުރުކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލްތަކުގެ ތެރެއިން އަނބުރާ ނެގުމަށް ނިންމާފައިވަނީ ތިމަރަފުށީ ދާއިރާގެ މެންބަރު އިމްތިޔާޒުގެ ގާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހެވެ. އެއީ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ މީހަކަށް އެއާޕޯޓް ވީއައިޕީ ސާވިސް ލިބެން ޖެހޭ ގޮތަށް ގާނޫނު އިސްލާހުކުރުމެވެ.
އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ބެހޭ ގޮތުން މިއަދު މުސްތަފާ ވިދާޅުވީ އޭނާ އެއްވެސް އިނާޔަތެއް ހިމާޔަތެއް ރައްކާތެރިކަމެއް ބޭނުން ނުވާކަމަށެވެ. އަދި ﷲ ގެ ހިމާޔަތް ފިޔަވާ އެއްވެސް ހިމާޔަތެއް ބޭނުން ނޫންކަމަށާއި ފަސްވަގުތު ނަމާދުކުރާ ކަމަށް މުސްތަފާ ވިދާޅުވިއެވެ. ނަމަވެސް، މި ބިލް ހުށަހެޅުއްވަމުން މުސްތަފާ ވަނީ މަޖިލިސް މެންބަރުންނަކީ ދައުލަތަށް އެތަކެއް ހިދުމަތެއް ކޮށްފައިވާ ފަރާތްތަކަކަށް ވާތީ އަބުރުވެރިކަމާއި ޝަރަފުވެރިކަމާއެކު މުޖުތަމައުގައި އުޅުމުގެ ފުރުސަތު އެ ފަރާތްތަކަށް މި ބިލުގެ ޒަރިއްޔާއިން ލިބިދޭނެ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު އަދި ވެލިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ރަޝީދު ވަނީ އިމްތިޔާޒުތަކާއި ބާރުތަކުގެ ބިލަށް އިސްލާހު ހުށަހަޅުއްވާފައެވެ. އަބްދުއްލަތީފު ހުށަހެޅުއްވި އިސްލާހުގައި ވަނީ މަޖިލީހުގެ ކުރީގެ މެންބަރުންނަށް އަދި އެ މެންބަރުންގެ އާއިލާއަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ދިނުން އަދި ކުރީގެ މެންބަރުންނަށް ލިބޭ އިނާޔަތްތައް އިތުރުކުރުމެވެ. އަދި ޔާމީން ހުށަހެޅުއްވި އިސްލާހުގައި ވަނީ މަޖިލީހުގެ މެންބަރަކު މަޖިލީހުން ވަކިވާ ދުވަހުން ފެށިގެން އިނާޔަތް ދިނުމަށާއި ދައުލަތުގެ އެއްވެސް ވަޒީފާއެއް އަދާކުރާ ނަމަ، އެ ވަޒީފާއެއް އަދާކުރަމުންދާ މުއްދަތުގައި އިނާޔަތް ނުލިބޭނެ ކަމަށް ބުނާ މާއްދާ ގާނޫނުން އުވާލުމަށެވެ. މަޖިލީހަށް ހުށްހެޅި މި އިސްލާހު ތަކުގެ ތެރެއިން އަނބުރާ ގެންގޮސްފައިވަނީ ހަމައެކަނި މުސްތަފާ ހުށަހެޅުއްވި އިސްލާހެވެ.
މި ބިލްތަކާއި ގުޅިގެން ސޯޝަލް މިީޑިއާގައި އާންމުންގެ ފާޑުކިއުން އަމާޒުވެފައިވަނިކޮށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަނީ އެމްޑީޕީން މި ބިލަށް ތާއިދު ނުކުރާ ކަމަށާއި އެމްޑީޕީގެ ފަރާތުން މި ބިލަށް ވިޕްލައިނެއް ނެރޭނެކަމަށް ވިދާޅުވެފައެވެ. އީވާގެ އިތުރުން އިމްތިޔާޒް ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލަށް ތާއިދު ނުކުރައްވާ މެންބަރުންގެ ތެރޭގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ފާހަގަކޮށްލެވެއެވެ.