ރާއްޖޭގައި ފަނޑިޔާރު ކަމުން ވަކިވާ ކޮންމެ މީހަކަށް ގިނަ އިނާޔަތްތަކެއް ދޭ ބިލެއް މަޖިލީހަށް ހުށަހަޅާ ބިލް އެޖެންޑާ ކޮށްފިއެވެ. މި ބިލުގައި ވާ ގޮތުން ފަނޑިޔާރަކު މަގާމުން ވަކި ކުރިޔަސް އިނާޔަތްތައް ދޭން ލާޒިމު ކުރެއެވެ.
ފަނޑިޔާރުކަމުން ވަކިވާ ނުވަތަ ވަކި ކުރާ މީހުނަށް އިނާޔަތް ދޭ އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ޖުމްހޫރީ ޕާޓީގެ ފަރާތުން ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދެވެ. އެ އިސްލާހުގައިވާ ގޮތުން ފަނޑިޔާރު ކަމުގެ މަގާމުން ވަކިވާ ކޮންމެ މީހަކަށާ ފަނޑިޔާރު ކަމުގެ މަގާމު ނިމުމަކަށް ގެނެވޭ އުއްތަމަ ފަނޑިޔާރަށް ވެސް ދައުލަތުގެ ފަރާތުން ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒްތަކެއް ލިބިދޭން ޖެހެއެވެ.
އެ އިސްލާހުގެ ފުރަތަމަ ކިޔުން މަޖިލީހުގައި ވަނީ ތާވާލު ކޮށްފައެވެ. އޭގެ އިތުރުން އިބްތިދާއީ ބަހުސަށް ފުރުސަތު ދިނުމަށްޓަކަައި ވޯޓަށް އެހުން ވެސް ވަނީ ތާވަލު ކޮށްފައެވެ.
މިކަމާ ގުޅިގެން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެފައި ވަނީ ފަނޑިޔާރުންނަށް އިނާޔަތް ދޭ ބިލު އެއް ކިޔުމުން ނިންމާ، ބަހުސް ކޮށް ވޯޓަށް އަހާ ނިންމާލަން މަޖިލީހުގެ ރިޔާސަތުން، މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވަނީ އެޖެންޑާ ކުރައްވާފައި ކަމަށެވެ.
"މިހާރު އޮތް މަޖިލީހުގެ 70 ޕްސެންޓު މެންބަރުންނަށް ރައްޔިތުން ނޫނެކޭ ބުނެފައި އޮއްވާ، އަދި ބާކީ 3 ޖަލްސާ އޮއްވާ، އަވަސް އަރުވާލައިގެން ނިންމަން މިއުޅެނީ ކޮންކަމެއް" މަޖިލީހުން އަވަސް އަރުވާލައިގެން ފަނޑިޔާރުންގެ ބިލް ނިންމަން އުޅޭ އުޅުމަށް އީވާ ސުވަލު އުފެއްދެވިއެވެ.
މަގާމުން ވަކިވާ ފަނޑިޔާރުންނަށް އިނާޔަތް ލިބޭ ގޮތަށް ގާނޫނަށް ބަދަލުތަކެއް ގެންނަން އުޅޭ އިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރި މީހުންނަށްވެސް ބޮޑެތި އިނާޔާތްތަކެއް ލިބޭ ގޮތަށް ވަނީ ބިލެއް ހުށަހަޅައިފައެވެ. އަދި ދާދި ފަހުން ވަނީ ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންނަށް އިނާޔަތް ދޭ ބިލެއް ފާސްކޮށްފައެވެ.