ބުލޮގަރު ޔާމީން ރަޝީދު ރަހުމްކުޑަގޮތަކަށް މަރާލިތާ ދެ އަހަރުވުމާއި ގުޅިގެން ރައީސް ކުރެއްވި ޓްވީޓެއްގައި "ދުލެއްނުކުރާނަން" ކަމަށް ވިދާޅުވެއްޖެއެވެ.

ރައީސް ކުރެއްވި ޓްވީޓުގައި ބުލޮގަރު ޔާމީން އެންމެ ފަހުން ކުރި ޓްވީޓުގައި ބޭނުންކޮށްފައިވާ ރަތް ކުލައިގެ ފުއްޕާހަމުގެ އިމޯޖީއާ ހިމަނުއްވާފައިވެއެވެ. އަދި ހޭޝްޓެގްކޮށް ބޭނުންކުރައްވާފައިވާ "ދުލެއްނުކުރާނަން" އަކީ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާނާއި ޔާމީންގެ ހަނދާނުގައި ބޭނުންކުރާ ޝިއާރެވެ.

ރައީސްގެ މިޓްވީޓާއެކު ގިނަ ބަޔަކު އަންނަނީ ރައީސަށް ޝުކުރު ދަންނަވާ މި ސަރުކާރަކީ އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތް ކުރާނެ ސަރުކާރެއް ކަމަށް ބުނެ ތައުރީފްކޮށްފައެވެ. އަދި ރައީސް ސޯލިހަކީ އޯގާތެރި ހިތްތިރި ހަމަހަމަކަމަށް ލޯބި ކުރައްވާ އަދުލުވެރި އިންސާފުވެރި ރައީސެއްކަމަށް ބުނެ ރައީސަށް ގިނަ ބަޔަކު ވަނީ ތައުރީފް ކޮށްފައެވެ.

ޔާމީން މަރާލިތާ މިއަދަށް ދެ އަހަރު ވެފައިވާއިރު، ރިޟްވާން ގެއްލުވާލިތާ މިހާރު ހަތަރު އަހަރު ވެއްޖެއެވެ. ނަމަވެސް މި މައްސަލައިގައި އެ މީހުންނަށް އިންސާފު ނުލިބޭތީ، އެމީހުންގެ އާއިލާއިން އަންނަނީ އެކަމާ އަޑު އުފުލަމުންނެވެ.

ރިޟްވާނަށް ވީގޮތް ހޯދައި ޔާމީންގެ މަރަށް އިންސާފު ހޯދައިދިނުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ. ޔާމީންގެ މަރަށް ދެ އަހަރުވެފައިވާ އިރު، ޔާމީނާއި ރިޟްވާން އަދި އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މައްސަލައިގައި ހިމެނޭ މީހުން ހޯދިފައިވާ ކަމަށް މަރުކޮމިޝަނުން ވަނީ ހާމަކޮށްފައެވެ. އަދި މި މައްސަލައިގެ ރިޕޯޓް ޖުލައިގައި ހާމަކުރާނެކަމަށް އެ ކޮމިޝަނުން ބުނެއެވެ.

ރިޟްވާން މައްސަލައިގައި ދެ މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވެއެވެ. ނަމަވެސް އެ ދެމީހުންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކޯޓުން ހުކުމް ކުރިއެވެ. ޔާމީންގެ މަރުގެ މައްސަލައިގައި ހަތް މީހެއްގެ މައްޗަށް ދައުވާކޮށް، ޝަރީއަތް ދަނީ ހިނގަމުންނެވެ.