ރައްޔިތުންގެ މަޖިލީހުގެ ދައުރު ނިންމާލުމަށްފަހު އިތުރު އިނާޔަތެއް ބޭނުން ނުވާކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު ވިދާޅުވީ މަޖިލީހުގައި ހޭދަކުރި ފަސް އަހަރު ނިމި މިދަނީ މަޖިލީހުން ލިބޭ ގިނަ އިމްތިޔާޒްތަކުގެ ބޭނުންނުކޮށް ކަމަށެވެ. އަދި މަޖިލީހުގެ ދައުރު ނިންމުމަށްފަހު އަމުދުން ދެން ބޭނުންވާނެ އިނާޔަތެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ނިޒާރު ވިދާޅުވީ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށްދޭ އިނާޔަތްތައް އިތުރުކުރުމަށް އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް އިއްޔެ މަޖިލީހަށް ހުށަހެޅި ބިލްތަކަށް ތާއިދު ނުކުރާކަމަށެވެ.

އިއްޔެ މަޖިލީހަށް ހުށަހެޅި އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްތަކުގައި ހިމެނެނީ މަޖިލީހުގެ ކުރީގެ މެންބަރުންނަށް އަދި އެ މެންބަރުންގެ އާއިލާއަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ދިނުމާއި ވީއައިޕީ ސާވިސަސް ދިނުމުގެ އިތުރުން ލިބޭ އިނާޔަތްތައް އިތުރުކުރުމެވެ. މި ބިލްތައް މަޖިލީހަށް ހުށަހެޅީ ތިމަރަފުށި ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އަދި ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދެވެ.

ނިޒާރުގެ އިތުރުން އިމްތިޔާޒް ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލަށް ތާއިދު ނުކުރައްވާ މެންބަރުންގެ ތެރޭގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ފާހަގަކޮށްލެވެއެވެ.