މި އެޕްރީލު މަހުގެ 15 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2019 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 11 ވަނަ ޖަލްސާއިން ފާސްކުރެއްވި "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު" ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
މި ބިލު ތަސްދީގް ކުރެއްވުމާ ގުޅިގެން، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުު ކުރައްވާފައެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ގެނެވުނު މި އިސްލާހާ ގުޅިގެން، ގާނޫނުއަސާސީގެ 251 ވަނަ މާއްދާގެ (ހ) ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް، ރާއްޖޭން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށް ނުދެވޭނެކަމަށް ކަޑައެޅިގެން ދިޔައީއެވެ.
އަދި ހަމަ އެ މާއްދާގެ (ށ) ދިވެހި ރާއްޖޭގެ އެއްވެސް ބައެއް ރާއްޖޭން ބޭރުގެ އެއްވެސް ފަރާތަކަށް ކުއްޔަށް ނުވަތަ އެނޫންގޮތަކަށް ވެސް ދެވޭނީ އެންމެ ދިގުވެގެން ނުވަދިޔަ ނުވަ އަހަރުގެ މުއްދަތަށް ކަމުގައި ވެސް މި އިސްލާހާއެކު ކަނޑައެޅިގެން ދިޔައީއެވެ. މީގެ އިތުރުން މި އިސްލާހުގެ ދަށުން ގާނޫނޫ އަސާސީގެ 15 ވަނަ ބާބު އުނިކުރެވިގެން ދިޔައީއެވެ.
ބިދޭސީ އިންވެސްޓަރުންނަށް ރާއްޖެއިން ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިސްލާހު ކުރީގެ ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވީ 2015 ވަނަ އަހަރު ޖުލައި 23 ގައެވެ.
މިއިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ 70 މެންބަރުންގެ ތާއީދާއި އެކު އެވެ. މި އިސްލާހާ ދެކޮޅަށް 14 މެންބަރުން ވޯޓް ދެއްވިއެވެ. އުވާލި އިސްލާހުގައިވަނީ އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑު އިންވެސްޓެއް ރާއްޖޭގައި ކުރާ ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން މިލްކުކޮށްދެވޭނެ ކަމަށެވެ. އަދި އެފަރާތްތަކަށް ވިއްކާ ބިމަކީ އެ އިންވެސްޓަރު އަމިއްލައަށް ރާއްޖޭގެ ފަޅުން ބައެއް ހިއްކުމުން އެތަނެއްގައި ކުރާ އިންވެސްޓްމަންޓަކަށް ޔަގީންކަން ދިނުމަށް ވިއްކާ ބިމެއް ކަމުގައި ގާނޫނުގައިވެއެވެ. ގާނޫނުގައިވާ ގޮތުން އިންވެސްޓަރު ހިއްކަން ޖެހެނީ އޭނާ އިންވެސްޓް ކުރަންޖެހޭ ބިމުގެ 70 އިންސައްތަ އެވެ.