ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށްދޭ އިނާޔަތްތައް އިތުރުކުރުމަށް އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް އިއްޔެ މަޖިލީހަށް ހުށަހެޅި ބިލްތަކަށް ސަރުކާރުގެ މެންބަރުން ތާއީދެއް ނުކުރެއެވެ.
އިއްޔެ މަޖިލީހަށް ހުށަހެޅި އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްތަކުގައި ހިމެނެނީ މަޖިލީހުގެ ކުރީގެ މެންބަރުންނަށް އަދި އެ މެންބަރުންގެ އާއިލާއަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ދިނުމާއި ވީއައިޕީ ސާވިސަސް ދިނުމުގެ އިތުރުން ލިބޭ އިނާޔަތްތައް އިތުރުކުރުމެވެ. މި ބިލްތައް މަޖިލީހަށް ހުށަހެޅީ ތިމަރަފުށި ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އަދި ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދެވެ.
މި ބިލްތަކާއި ގުޅިގެން ސޯޝަލް މިީޑިއާގައި އާންމުންގެ ފާޑުކިއުން އަމާޒުވެފައިވަނިކޮށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަނީ އެމްޑީޕީން މި ބިލަށް ތާއިދު ނުކުރާ ކަމަށް ބުނެ ޓްވީޓެއް ކޮށްފައެވެ. މި ބިލަށް ތާއިދު ނުކުރައްވާކަމަށް ވިދާޅުވަމުން އީވާ ވަނީ އެމްޑީޕީގެ ފަރާތުން ބިލަށް ވިޕްލައިނެއް ނެރޭނެކަމަށް ވިދާޅުވެފައެވެ.
އީވާގެ އިތުރުން އިމްތިޔާޒް ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލަށް ތާއިދު ނުކުރައްވާ މެންބަރުންގެ ތެރޭގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ފާހަގަކޮށްލެވެއެވެ.
މަޖިލިސް މެންބަރުންނަށް މިހާރުވެސް އިމްތިޔާޒު ގާނޫނުން ލިބޭ އިނާޔަތްތަކުގެ ތެރޭގައި މަޖިލީހުގައި އެއް ދައުރު ފުރިހަމަކޮށްފައިވާ ފަރާތްތަކަށް މެންބަރުކަން ކުރެއްވި އިރު ލިބޭ މުސާރައިގެ 30 ޕަސެންޓް (މަހަކު މަދުވެގެން 25،500 ރުފިޔާ) ލިބެން ޖެހޭނެ ކަމަށް އެ ގާނޫނުގައި ބުނެފައިވެއެވެ. އަދި މަޖިލީހުގައި ދެ ދައުރު ފުރިހަމަކޮށްފައިވާ ފަރާތްތަކަށް މެންބަރުކަން ކުރެއްވި އިރު ލިބޭ މުސާރައިގެ 45 ޕަސެންޓް (މަހަކު 38،250 ރުފިޔާ) ލިބޭން ޖެހޭނެ ކަމަށްވެސް އިމްތިޔާޒު ގާނޫނުގައި ވެއެވެ. ނަމަވެސް، އެފައިސާ ލިބޭނީ އެ މެންބަރަކު މަޖިލީހުން ވަކިވުމަށް ފަހު އަދި އުމުރުން 55 އަހަރު ފުރުމުން ކަމަށްވެސް އެ ގާނޫނުގައި ވެއެވެ. އެ މާއްދާއަށް އަބްދުއްލަތީފް ހުށަހަޅުއްވާފަވާ އިސްލާހަކީ މަޖިލިސް މެންބަރު މަޖިލީހުން ވަކިވާ ދުވަހުން ފެށިގެން އެ ފައިސާ ލިބޭގޮތަށް އިސްލާހު ގެނައުމަށެވެ.