ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ގިނަ އިނާޔަތްތައް ހޯދުމަށް މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހުތަކެއް ގެންނަން މަޖިލީހަށް ބިލްތަކެއް ހުށަހަޅައިފިއެވެ.

މި ބިލްތައް މަޖިލީހަށް ހުށަހެޅީ ތިމަރަފުށި ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އަދި ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދެވެ.

ދިއްދޫ ދާއިރާގެ މެންބަރު ހުށަހެޅުއްވި އިސްލާހަކީ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ މީހުންނާއި އެމީހުންގެ އަނބިން ނުވަތަ ފިރިން އަދި 18 އަހަރު ނުވާ ކުދިންނަށް އިންޝުއަރެންސް ސްކީމްގެ ދަށުން ބޭސްފަރުވާ ލިބިދޭން ޖެހޭ ގޮތަށް ގާނޫނު ބަދަލު ކުރުމަށް ހުށަހެޅި އިސްލާހެކެވެ. މިހާރު ގާނޫނުގައި އޮންނަނީ އިންޝުއަރެންސް ސްކީމްގެ ދަށުން ހަމައެކަނި މެންބަރުކަން ކުރި މީހާއަށް ބޭސްފަރުވާ ލިބޭ ގޮތަށެވެ.

އޭގެއިތުރުން މެންބަރުކަން ކުރި މީހުންގެ އިތުރުން އެމީހުންގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ލިބޭގޮތަށް ބަދަލު ގެންނަން ވެސް އަބްދުއްލަތީފް ވަނީ ބިލެއް ހުށަހަޅުއްވާފައެވެ. މީގެ އިތުރުން މަޖިލީހުގެ ރައީސްކަން އަދި ނައިބު ރައީސްކަން ކޮށްފައިވާ މީހަކަށް ހެލްތް އިންޝުއަރެންސް ލިބެންޖެހޭ ގޮތަށް ވެސް އަބްދުއްލަތީފް ހުށަހަޅުއްވާފައިވެއެވެ.

ތިމަރަފުށީ ދާއިރާގެ މެންބަރު މަޖިލީހުގެ އިމްތިޔާޒުގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހަކީ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ މީހަކަށް އެއާޕޯޓް ވީއައިޕީ ސާވިސް ލިބެން ޖެހޭ ގޮތަށް ހުށަހެޅި އިސްލާހެކެވެ. އިމްތިޔާޒު ތަކާ ބެހޭ ގާނޫނަށް އެ އިސްލާހު ހުށަހެޅުއްވީ މަޖިލިސް މެންބަރުންނަކީ ދައުލަތަށް އެތަކެއް ހިދުމަތެއް ކޮށްފައިވާ ފަރާތްތަކަކަށް ވާތީ އަބުރުވެރިކަމާއި ޝަރަފުވެރިކަމާއެކު މުޖުތަމައުގައި އުޅުމުގެ ފުރުސަތު ލިބިދިނުން ކަމަށް މުސްތަފާ ބުނެއެވެ.

މަޖިލިސް މެންބަރުންނަށް މިހާރުވެސް އިމްތިޔާޒު ގާނޫނުން ލިބޭ އިނާޔަތްތަކުގެ ތެރޭގައި މަޖިލީހުގައި އެއް ދައުރު ފުރިހަމަކޮށްފައިވާ ފަރާތްތަކަށް މެންބަރުކަން ކުރެއްވި އިރު ލިބޭ މުސާރައިގެ 30 ޕަސެންޓް (މަހަކު މަދުވެގެން 25،500 ރުފިޔާ) ލިބެން ޖެހޭނެ ކަމަށް އެ ގާނޫނުގައި ބުނެފައިވެއެވެ. އަދި މަޖިލީހުގައި ދެ ދައުރު ފުރިހަމަކޮށްފައިވާ ފަރާތްތަކަށް މެންބަރުކަން ކުރެއްވި އިރު ލިބޭ މުސާރައިގެ 45 ޕަސެންޓް (މަހަކު 38،250 ރުފިޔާ) ލިބޭން ޖެހޭނެ ކަމަށް އިމްތިޔާޒު ގާނޫނުގައިވެއެވެ. ނަމަވެސް، އެފައިސާ ލިބޭނީ އެ މެންބަރަކު މަޖިލީހުން ވަކިވުމަށް ފަހު އަދި އުމުރުން 55 އަހަރު ފުރުމުން ކަމަށްވެސް އެ ގާނޫނުގައި ވެއެވެ.

އެ މާއްދާއަށް ދިއްދޫ ދާއިރާގެ މެންބަރު ހުށަހަޅުއްވާފަވާ އިސްލާހަކީ މަޖިލިސް މެންބަރު މަޖިލީހުން ވަކިވާ ދުވަހުން ފެށިގެން އެ ފައިސާ ލިބޭގޮތަށް އިސްލާހު ގެނައުމަށެވެ.