އަވައްޓެރި ސްރީލަންކާއަށް ކުރިމަތިވެފައިވާ އުދުވާނީ ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ލަންކާއަށް ކުރިމަތިވެފައިވާ އުދުވާނީ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރީ ދިވެހި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މެންބަރުންގެ ނަމުގައި ކަމަށް މަޖިލީސް ރައީސް ވިދާޅުވިއެވެ. އަދި މަޖިލިސް ރައީސް ވަނީ ލަންކާ ރައްޔިތުންނަށް ކުރިމަތިވެފައިވާ ހިތާމައިގައި ބައިވެރިވާ ކަން ހާމަކުރައްވާފައެވެ.
ލަންކާއަށް އިއްޔެ ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން މަރުވި މީހުންގެ އަދަދު 290 އަށް ވުރެ މައްޗަށް އަރާފައިވާއިރު 500 އަށްވުރެ ގިނަ މީހުންނަށް ވަނީ އެކި ވަރުގެ ޒަހަމްތައް ލިބިފައެވެ. ގިނަ އަދަދަކަށް ދިވެހިންވެސް ދިރިއުޅެމުންދާ ސްރީލަންކާގައި އިއްޔެ ބޮމުގެ 10 ހަމަލާއެއް ދީފައި ވާއިރު، މި ހަމަލާތަކާ ގުޅިގެން މިހާރު 24 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
އިއްޔެ ހެނދުނު 8:30 ހާއިރުން ފެށިގެން ލަންކާގެ ކޮލަންބޯގެ އެކި ސަރަހައްދުތަކުގައި ދޭންފެށި ބޮމުގެ ހަމަލާތައް ނިމުމަކަށް އައީ އިއްޔެ މެންދުރުފަހު 14:30 ހާއިރު ޑެމަޓަގޮޑާގައި ގޮއްވާލި ބޮމަށް ފަހުއެވެ. މީގެ އިތުރުން ރޭ ދަންވަރު ބަންޑާރާނަޔަކް އިންޓަނޭޝަނަލް އެއާޕޯޓް ކައިރިން ބޮމެއް ފެނި، އެ ބޮން ވަނީ ކާމިޔާބު ކަމާއެކު ޑިފިއުޒް ކޮށްލާފައެވެ.