ރ.އުނގޫފާރު ކައުންސިލުން މިއަހަރުވެސް ރޯދައަށް އެރަށު ގޭބިސީތަކަށް ހިލޭ ކަރަންޓު ދިނުމަށް ނިންމައިފިއެވެ.

އުނގޫފާރު ކައުންސިލުން ގޭބިސީތަކަށް ހިލޭ ކަރަންޓު ދިނުމަށް ނިންމީ އެރަށު ކައުންސިލްގެ ލަފާދޭ ކޮމެޓީގެ މަޝްވަރާއާއެކު ކައުންސިލްގެ 77 ވަނަ އާއްމު ބައްދަލުވުމުގައި ކަމަށް އެ ކައުންސިލުން ނެރުނު ބަޔާނުގައިވެއެވެ. އުނގޫފާރު ކައުންސިލުން ބުނީ ރޯދައަށް ކަރަންޓު ހިލޭ ކުރުމަކީ އާންމު ރައްޔިތުންނަށް ރޯދަމަހާ ގުޅިގެން ކޮންމެ އަހަރަކުވެސް ކުރަމުން އަންނަ ކަމެއް ކަމަށެވެ.

ހިލޭ ކަރަންޓު ދިން ކަމުގައި ވިޔަސް ކައުންސިލްގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ބޭކާރުގޮތުގައި ކަރަންޓުގެ ބޭނުން ކުރުން ކަމަށް އުނގޫފާރު ކައުންސިލުން ބުނެއެވެ. އުނގޫފާރު ކައުންސިލުން ބުނީ ވީވަރަކުން ކަރަންޓުގެ ހަރަދު ކުޑަކުރުމަށް ރައްޔިތުންގެ ވިސްނުން ބެހެއްޓުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

މިއީ އުނގޫފާރު ކައުންސިލުން ޖެހިޖެހިގެން ކޮންމެ އަހަރަކު ރޯދަ މަހު ކަރަންޓް މުޅިން ހިލޭ ފޯރުކޮށްދޭ ހަތަރު ވަނަ އަހަރެވެ. އެގޮތުން ކަރަންޓް ހިލޭ ދިނުމަށް ނިންމާފައިވަނީ އަންނަ މޭ މަހު ހަޔަކުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ކަމަށް އެރަށު ކައުންސިލުން ބުނެއެވެ.