19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބް ރައީސްގެ މަގާމުން އަންހެން މެންބަރަކު ފެނިގެން ދިއުމަކީ ބައިނަލްއަގްވާމީ ދުނިޔެއަށް ދެއްކޭނެ ނަމޫނާއެއް ކަމަށް މިނިސްޓާ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީިހުގެ ރައީސް ކަމަށް އަދި ނައިބު ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ މެންބަރުންނަށް މިނިސްޓަރު ޝިދާތާ ވަނީ ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

މި މަޖިލީހުގެ ރައީސް ކަމަށާއި ނައިބު ރައީސް ކަމަށް ޝައުގުވެރިކަން ފާޅު ކުރައްވާފައިވަނީ މަޖިލީހަށް އިންތިހާބުވި ހަތަރު އަންހެން މެންބަރުންގެ ތެރެއިން ދެ މެންބަރުންނެވެ. އެއީ ގަލޮޅު އުތުރު ދާއިރާގެ އިންތިހާބީ މެންބަރު އީވާ އަބްދުﷲ އަދި އައްޑޫ މީދޫ ދާއިރާގެ އިންތިހާބީ މެންބަރު ރޮޒައިނާ އާދަމެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށާއި ނައިބު ރައީސް ކަމަށް އައުމަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ އިތުރު މެންބަރުންގެ ތެރޭގައި ހިމެނެނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއިދުކުރައްވާ ހިތަދޫ އުތުރު ދާއިރާގެ އިންތިހާބީ މެންބަރު މުހައްމަދު އަސްލަމްގެ އިތުރުން، މަރަދޫ ދާއިރާގެ އިންތިހާބީ މެންބަރު އިބްރާހިމް ޝަރީފާއި، ވިލިފުށީ ދާއިރާގެ އިންތިހާބީ މެންބަރު ހަސަން އަފީފްގެ އިތުރުން ކާށިދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުﷲ ޖާބިރު އަދި މެދު ހެންވޭރު ދާއިރާގެ އިންތިހާބީ މެންބަރު އަލީ އާޒިމެވެ.