ސްރީ ލަންކާއަށް ދެމުންދާ ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ރާއްޖޭގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޚަލީލް ލަންކާއަށް ފޮނުވުމަށް ހަމަޖައްސަވައިފިއެވެ.

މިދަތުރުގައި ސްޓޭޓް މިނިސްޓަރު ސްރީލަންކާއަށް ފުރުއްވުމަށް ހަމަޖެހިފައިވަނީ މިރޭގެ ވަގުތެއްގައެވެ. ސްޓޭޓް މިނިސްޓަރުގެ މި ދަތުރުގައި ސްރީލަންކާ ސަރުކާރުގެ އިސްވެރިންނާ ބައްދަލު ކުރެއްވުމުގެ އިތުރުން، ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުންގެ ހާލު ބައްލަވައި ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާބެހޭ މައުލޫމާތު އޮޅުންފިލުއްވާނެއެވެ.

ސްރީލަންކާގައި މިއަދު ދިން ހަމަލާތަކާއި ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ސްރީލަންކާ ސަރުކާރަށާއި ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވާފައެވެ.

މި ހަމަލާތަކާ ބެހޭގޮތުން މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ބޮމުގެ ހަމަލާ ދީފައިވަނީ ތިން ޗާޗެއްގެ އިތުރުން ހަތަރު ހޮޓަލެއްގައެވެ. އޭގެ ތެރޭގައި ކިންގްސްބަރީ، ސިނަމަން ގްރޭންޑް އަދި ޝަންގްރިއްލާ ހޮޓަލްގެ އިތުރުން ޓްރޮޕިކަލް އިން ހޮޓެލް (ދެހިވަލަ) ހިމެނެއެވެ. އަދި އެންމެ ފަހުން ދިން 3 ހަމަލާ ދީފައިވަނީ ނޮގޭގޮޑާގެ ޑެމަޓަގޮޑާގައި ހުންނަ މަހަވިލާ ހައުސިންގް ކޮމްޕްލެކްސްގައެވެ. މިއީ އާންމުކޮށް ދިވެހިން ގޮސް އުޅޭ ތަންނަނެވެ.

މި ހަމަލާތަކުގައި 200 މީހަކު މަރުވިކަމަށް މިޑިއާތަކުން ރިޕޯޓް ކުރާ އިރު، 469 އަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާކަމަށް ސްރީލަންކާގެ ކޮލަމްބޯ ނޭޝަނަލް ހޮސްޕިޓަލުން މައުލޫމާތުދެއެވެ. މިމީހުންނަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެންނެވެ. މިހާރު ކޮލަމްބޯ ނޭޝަނަލް ހޮސްޕިޓަލްގެ އިތުރުން 2 ހޮސްޕިޓަލެއްގައި ޒަހަމް ވި މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ. މި ހަމަލާތަކުގައި ދިވެއްސަކަށް އަނިޔާއެއް ވެފައިވާ ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.