ނިމިގެންދިޔަ މަޖިލިސް އިންތިހާބުގައި ޕީޕީއެމަށް ނާކާމިޔާބުވީ ޕާޓީން ތައްޔާރުވާން ޖެހޭ ކަންކަމުގައި ތައްޔާރު ނުވެ އަޅަންޖެހޭ ފިޔަވަޅުތައް ފުރަތަމަ ދުވަހުން ފެށިގެން ނޭޅުމުން ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެވެެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ނިހާން ވިދާޅުވީ ޕީޕީއެމްގެ ގިނަ ބަޔަކަށް ނާކާމިޔާބުވުމުގައި ޕާޓީން މިކަންކަމަށް ތައްޔާރުވުމުގައި ވިސްނުންތެރި ކަމާއެކުގައި އަޅަންވީ ފިޔަވަޅު ފުރަތަމަ ދުވަހުން ފެށިގެން ނޭޅި ތައްޔާރު ކުރެވިފައި ނެތުމާއި، އެއިރުގެ އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ހުއްޓުމެއް ނެތި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ބޮލުގައި އަޅުވަމުން ދިޔަ ވައްކަމާއި ކޮރަޕްޝަންގެ ޓެގްތަކުގެ ސަބަބުން ކަމަށެވެ. އަދި މި ވައްކަމުގެ ވާހަކަ އެންމެ ބޮޑަށް އަޅުވަމުން ދިޔައީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ބޮލުގައި ކަމަށާއި، އޭނާ އާއި ހަމައަށް އެކަން އައީ ވަރަށް ބޮޑު ދަތިކަމެއްގެ ގޮތުގައި ކަމަށް މަޖިލިސް އިންތިހާބުގައި ނާކާމިޔާބީއާއި ކުރިމަތިވެވަޑައިގެންނެވި ނިހާން ވިދާޅުވިއެވެ.

"އަަޅުގަނޑުމެންގެ ކެންޑިޑޭޓުންނަށް މިކަން ކުރެވޭނެ ތަރުތީބެއް ޕާޓީތެރޭގައި އިންތިހާބަށް ތައްޔާރުވުމަށް ލިޑާޝިޕް ލެވެލްގައި ކުރެވިފައި ނެތުން. އަޅުގަނޑުމެންގެ ކެންޑިޑޭޓުން ދާންވީ ކޮންތާކަށް ކަމާއި، ކޮންތަނެއްކަމާއި ފުރުސަތު ރަނގަޅީ ކޮންތަނެއް ކޮންގޮތެއް ހަދައިގެންތޯ. އަދި އިދިކޮޅު ފަރާތްތަކުން ކެނޑިނޭޅީ މެންބަރުންގެ ބޮލުގައި އެޅުވިކަންކަން" ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ ޕީޕީއެމަށް މަޖިލިސް އިންތިހާބު ކާމިޔާބު ނުވި އެންމެ ބޮޑު އެއް ސަބަބަކީ މިހާރު އޮތް ސަރުކާރުގެ މައި ޕާޓީ އެމްޑީޕީން ބޮޑު އަދަދަކަށް ފައިސާ ބޭނުން ކުރުން ކަމަށެވެ. ނިހާން ވިދާޅުވީ އެމްޑީޕީން މަޖިލިސް އިންތިހާބުގައި ފައިސާ ބަހާފައި ވާކަމަށާއި އެކަމުގެ ހެކިވެސް އެބަހުރި ކަމަށެވެ.

"އެމްޑީޕީން ސައްހަކަމާއެކު ބުނެވެން އޮތްކަމެއް ނޫން ރައްޔިތުންގެ ހިތު ލޯތްބާއެކުގައި އަޅުގަނޑުމެން 65 ގޮނޑި ކާމިޔާބުކޮށްފީމޭ. އަޅުގަނޑަކަށް ނުފެނޭ އެތަނެއް. އަޅުގަނޑު ލޮލުން ދުށިން އަދި އަޑު އިވިފައި އެބަހުރި އަޅުގަނޑުމެންނަށް ފެންނަން އެބަހުރި މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާފައި ހުރި ފައިސާގެ އެކި ޖަރީމާތައް" ނިހާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕީޕީއެމްގެ ކެމްޕޭން ފަންޑް އެއްވެސް ގޮތަށް މަސައްކަތް ކުރެވޭނެ ގޮތެއް ނުވި ކަމަށާއި، އިންތިހާބުން ނާކާމިޔާބު ވުމުގައި މިފަދަ ބައިވަރު ސަބަބުތައް އެބަހުރި ކަމަށެވެ. އަދި ޕީޕީއެމަށް އެކަމަށް ތައްޔާރު ނުވެެވި، އެކަން ކުރެވޭނެ އެއަށްވުރެ ރަނގަޅު މަގު އޮއްވާ އެނޫން ގޮތްގޮތަށް އަމަލުކުރުމުގެ ނަތީޖާއަކީ ފެއިލްވުމުގައި ދިމާވި އެންމެ ބޮޑު ގޯސްކަމަށް ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ ނިމިގެން ދިޔަ ބޮޑު ތިން އިންތިހާބުގައި ވެސް ޕީޕީއެމަށް ނާކާމިޔާބުވީ ރައްޔިތުންނަށް ކޮށްދޭނެ ކަންތައްތަކެއް ރަނގަޅަށް ކިޔައި ނުދެވުމުން ކަމަށެވެ. އަދި މި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ވަކި ބޭފުޅަކު ހުންނަވައިގެން ނުވަތަ ނޫޅުއްވުމުން ނޫން ކަމަށާއި ޕާޓީ ކޮނޑު އަޅައިގެން ނުކުންނާނެ ބަޔަކު އުފެއްދިފައި ނެތުމުން ކަމަށެވެ. ނިހާން ވަނީ ޕާޓީގެ ލީޑާޝިޕް ބަދަލުކޮށް ޕާޓީއަލުން ކުރިއަށް ގެންދެވޭނެ ބަޔަކާ ހަވާލުކޮށް ޕާޓީ ހިންގުމަށް މިއަދުވެސް ގޮވާލައްވާފައެވެ.

"އަދިވެސް އާ ބަޔަކު ނުކުމެ މަސަައްކަތްކޮށްފި ނަމަ އެ ޕާޓީ އަށް ކާމިޔާބު ލިބޭނެ. ފިކުރަކާ އެކުގައި ރައްޔިތުންނަށް ވިއްކައިދޭން މަސައްކަތް ކުރަން ވާނެ. ފަހުގެ ތާރީހެއް ގައި ޕީޕީއެމްއަށް ލިބުނު ގެއްލުންތަކަކީ މި އެޖެންޑާ ރައްޔިތުންނާ ހަމައަށް ގެންގޮސްދޭނެ، ޕީޕީއެމުން ކޮށްދޭނެ ރަނގަޅު ކަންތައްތައް ދައްކައި ދިނުމުން ދުރުހެލި ވަނީ، އަޅުގަނޑުމެންނަށް އެ މަސަައްކަތް ނުކުރެވުނީ" ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ދާދި ފަހުން އިސްތިއުފާ ދެއްވި ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ ޕާޓީ ހަރުދަނާ ކުރުމަށް ކުރަންޖެހޭ ކަންކަން ކޮށްފައި ނުވާ ކަމަށެވެ. އަދި ޕީޕީއެމް ހިންގަން ބަލާއިރު ރަށްރަށުގެ ގޮފިތައް ނުހިންގި އެތަންތަނުގައި ރައީސަކު އަދި ހަޒާންދާރަކު ވެސް މިހާރު ނެތްކަމަށެވެ. އަދި ޕީޕީއެމް ކުރިއެރުވުމުގައި އާންމު މެމްބަރުންގެ ބައިވެރިވުން ރަނގަޅަށް ލިބޭނެ އިންތިޒާމެއް ހަމަނުޖެއްސި އިދާރީ ގޮތުން ވެސް އެ ޕާޓީ އަށް ބޮޑެތި ގޯސްތައް ހެދިފާ ކަމަށް ނިހާން ވިދާޅުވިއެވެ.