އިންޑިއާގެ އެންމެ ބޮޑު ޕްރައިވެޓް އެއާލައިންގެ ގޮތުގައި އޮޕަރޭޓްކުރަމުން އައި ޖެޓް އެއާވޭޒްގެ ބިޑިންގް ޕްރޮސެސް ކާމިޔާބު ވާނެ ކަމުގެ އުއްމީދު އެބައޮތްކަމަށް، ބަންގުރޫޓުވެފައިވާ އެ އެއާލައިންއަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ގުރޫޕުން އާންމުކޮށްފައިވާ ގުޅިފައިވާ ބަޔާނެއް ބުނެފިއެވެ.
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސް.ބީ.އައި) އިސްވެ އޮވެ އެކުލަވާފައިވާ ގުރޫޕުން ބުރާސްފަތި ދުވަހު ބަޔާނެއް އާންމުކޮށްފައި މިވަނީ، ޖެޓް އެއާވޭޒް އިން ކުރަމުންދިޔަ ހުރިހާ ދަތުރެއް، ވަކި މުއްދަތެއް ނެތް ގޮތަށް ހުއްޓާލިތާ 24 ގަޑިއިރުވެސް ނުވަނީހެވެ.
ޖެޓް އެއާވޭޒްއިން ކުރަމުންދިޔަ ޑޮމެސްޓިކް އަދި ބައިނަލްއަގުވާމީ ދަތުރުކުރައް ބުދަ ދުވަހުގެ ހަވީރުން ފަށައިގެން ހުއްޓާލާފައިވަނީ، އެ އެއާލައިނަށް ބޭނުންވާ އެމާޖެންސީ ފަންޑު ފޯރުކޮށްދިނުމަށް ފައިސާގެ އެހީދޭ ގުރޫޕުން އިންކާރު ކުރުމާ ގުޅިގެންނެވެ.
ޖެޓް އެއާވޭޒްއަށް ފައިސާގެ އެހީ ފޯރުކޮށްދޭ ގުރޫޕުން އާންމުކުރި ބަޔާނުގައިވާ ގޮތުން ޖެޓް އެއާވޭޒްއަށް މިހާރު އެންމެ ބޮޑު އުއްމީދެއް އޮތީ އެ ކުންފުނީގައި އިންވެސްޓް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑަށް ހުޅުވާލުމެވެ. އަދި ދެފުށް ފެންނަ، އިންސާފުވެރި މަރުހަލާއެއްގެ ތެރެއިން މިކަންވެސް ނިމިގެންދާނެ ކަމަށް އެ ގުރޫޕުން އުއްމީދުކުރާކަމަށް މި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
ޖެޓް އެއާވޭޒްގެ 24 ޕަސެންޓް މިހާރުވެސް ކޮންޓްރޯލް ކުރަމުންދަނީ އިއްތިހާދު އެއާވޭޒްއިން ކަމަށްވާއިރު، އިއްތިހާދުން ވަނީ ޖެޓް އެއާވޭޒްގެ ބޮޑު ކޮންޓްރޯލެއް ބޭނުންވާކަމަށް ބުނެ ޝައުގުވެރިކަން ފާޅުކޮށްފައެވެ.
ޖެޓް އެއާވޭޒްއިން ދަރާފައިވާ ދަރަނީގެ އަގު 1.2 ބިލިއަން ޑޮލަރަށް އަރައެވެ.
123 މަތިންދާބޯޓުގެ ފްލީޓެއް އޮންނަ ޖެޓް އެއާވޭޒްގެ އޮޕަރޭޝަންތަކުގައި މިފަހަކަށް އައިސް އެންމެ ގިނަވެގެންވެސް ބޭނުންކޮށްފައި ވަނީ އެންމެ 5 މަތިންދާ ބޯޓު ކަމަށް ޚަބަރު ލިބެއެވެ. އެ އެއާލައިންގެ ޕައިލެޓުންވެސް ވަނީ، މުސާރައިގެ ކަންކަން ހަމަނުޖެހެނީސް އިތުރު ދަތުރެއް ދެން ނުކުރާނެ ކަމަށް ބުނެ ހަޅުތާލު ފަށާފައެވެ.
ޖެޓް އެއާވޭޒްގެ ހުރިހާ ދަތުރެއް ހުއްޓާލާފައި ވާއިރު، ދުނިޔޭގެ އެކި ހިސާބުތަކުގެ އެ އާޕޯޓުތަކުގައި އެ އެއާލައިންގެ ފަސެންޖަރުންވެސް ތާށިވެފައި އެބަތިއްބެވެ.