ފަނޑިޔާރުންގެ މުސާރަ ބޮޑުކުރަން ފެނިވަޑައިނުގަންނަވާ ކަމަށް ބާ އެސޯސިއޭޝަން ގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.

ފަނޑިޔާރުންގެ މުސާރައާއި އިނާޔަތްތަކާ މެދު ގޮތެއް ނިންމުނުގެ ބާރު އަލަށް ހުވާކުރާ މަޖިލީހަށް ދިނުމަށް މާލިއްޔަތު ކޮމިޓީއިން މިއަދު ފާސްކުރުމާ ގުޅިގެން ސުއޫދު ވިދާޅުވީ، ފަނޑިޔާރުންގެ މުސާރަ ބޮޑު ކުރުމަށް ވުރެ ކޯޓު ތަކުގެ ވަސީލަތްތައް ތަރައްގީ ކުރުން މާ މުހިންމު ކަމަށެވެ.

ފަނޑިޔާރުނެގެ މުސާރަ އާ މެދު މަޖިލީހުން ގޮތެއް ނިންމައި ދިނުމަށް އެދި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މާލިއްޔަތު ކޮމެޓީއަށް ފޮނުވި ސިޓީގައި ވާގޮތުން، މިހާރު ފަނޑިޔާރުންނަށް ލިބިވަޑައިގަންނަވާ މުސާރަ އަކީ ދިރިއުޅުމުގެ ހަރަދުތަކާއި އެބޭފުޅުންގެ މަސްއޫލިއްޔަތާ އަޅާބަލާއިރު، އެކަށީގެންވާ ވަރަށް ވުރެ ކުޑަ މުސާރައެކެވެ. އަދި 28 ޑިސެމްބަރު 2010 ގައި ފަނޑިޔާރުންނަށް މުސާރައާއި އިނާޔަތްތައް ދިނުމަށް މަޖިލީހުން ނިންމި ނިންމުން މިހާތަނަށް އައި އިރުވެސް ރިވިއު ކޮށްފައި ނުވާކަންވެސް ޖޭއެސްސީގެ ސިޓީ ގައި ފާހަގަ ކޮށްފައިވެއެވެ.

އޭރު މަޖިލީހުން ފާސް ކޮށްފައިވާ ފަނޑިޔާރުންގެ މުސާރައާ އިނާޔަތްތަކަށް ބަލާއިރު، އުއްތަމަ ފަނޑިޔާރަށް މުސާރައާއި އިނާޔަތުގެ ގޮތުގައި މަހަކު ޖުމްލަ 73،125 ރުފިޔާ ލިބިވަޑައިގަންނަވައެވެ. އަދި ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނަށް ޖުމްލަ 71،000 ރުފިޔާ ލިބިވަޑައިގަންނަވައެވެ. ހައިކޯޓުގެ އިސްފަނޑިޔާރަށް މަހަކު ލިބިވަޑައިގަންނަވަނީ 56،300 ރުފިޔާއެވެ. އަދި އެކޯޓުގެ އެހެން ފަނޑިޔާރުންނަށް ލިބިވަޑައިގަންނަވަނީ 54،300 ރުފިޔާއެވެ.

ކުރިމިނަލް ކޯޓުގެ އިސް ގާޒީއަށް މިހާރު 49،300 ރުފިޔާ ލިބިވަޑައިގަންނަވާއިރު، އެ ކޯޓުގެ އެހެން ގާޒީންނަށް މަހަކު 48،300 ރުފިޔާ ލިބިވަޑައިގަންނަވައެވެ. އަދި ސިވިލް ކޯޓާއި ޖުވެނައިލް ކޯޓުގެ އިސް ގާޒީންނަށް 47،650 ރުފިޔާ ލިބިވަޑައިގަންނަވާއިރު އެ ކޯޓުތަކުގެ އެހެން ގާޒީންނަށް 46،650 ރުފިޔާ ލިބިވަޑައިގަންނަވައެވެ.

ފެމެލީ ކޯޓުގެ އިސްގާޒީއަށް މުސާރައާއި އިނާޔަތުގެ ގޮތުގައި މަހަކު ލިބިވަޑައިގަންނަވަނީ 47،375 ރުފިޔާއެވެ. އަދި އެ ކޯޓުގެ އެހެން ގާޒީންނަށް ލިބިވަޑައި ގަންނަވަނީ 46،375 ރުފިޔާއެވެ. މެޖިސްޓްރޭޓުންގެ މުސާރައާއި އިނާޔަތަށް ބަލާއިރު، ކޮންމެ ދާއިރާއެއްގެ އިސް މެޖިސްޓްރޭޓަށް 27،950 ރުފިޔާ ލިބިވަޑައިގަންނަވައެވެ. އަދި ކޮންމެ މެޖިސްޓްރޭޓް ކޯޓެއްގެ އިސް މެޖިސްޓްރޭޓަށް 25،600 ރުފިޔާ ލިބިވަޑައިގަންނަވާއިރު އެހެން މެޖިސްޓްރޭޓުންނަށް 23،450 ރުފިޔާ ލިބިވަޑައިގަންނަވައެވެ.