ސަރުކާރުން ވަނީ މިހާރުގެ އިދިކޮޅު ޕާޓީ ކަމަށްވާ ޕީޕީއެމްގެ އަތް ބަނދެ، އަނގައިގަ ސެލޯ ޓޭޕް އަޅާފަކަމަށް ޕީޕީއެމުން ބުނެފިއެވެ.

ޕީޕީއެމްގެ ފަރާތުން އެ ޕާޓީގެ އިސް ބޭފުޅަކު 'ދަ ޕްރެސް' އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، 50،000 މެންބަރުން ތިބި ސިޔާސީ ޕާޓިއަކަށް ދޭން ޖެހޭ ފައިސާ ހިފެއްހެއްޓުމަކުން އަދި ސަރުކާރު މޮޅު ނުވާ ކަމަށާއި ޕީޕީއެމުން ބޭނުންވަނީ 'ފެއާ ފައިޓެއް' ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރުން ޕީޕީއެމްގެ އަތް ބަނދެފަ، އަނގައިގަ ސެލޯޓޭޕް އަޅައިގެން ހޯދާ ކުރިއެރުމަކީ އަދި ކުރިއެރުމެއް ނޫންކަމަށެވެ.

"ގާނޫނު އަސާސީން ސިޔާސީ ޕާޓީތަކަށް ދޭ ރުފިޔާ އެއް ނުލިބޭ، މިދިޔަ އަހަރަކުވެސް، މިއަހަރަކު ވެސް ނުލިބޭ" އޭނާ ވިދާޅުވީ ޕީޕީއެމްގެ މާލީ ހާލަތު މިހާ ދަށަށް ގޮސްފައިވަނީ ސަރުކާރުން އެޕާޓީއަށް ދޭން ޖެހޭ ފައިސާ ނުދޭތީ ކަމަށެވެ.

'ދަ ޕްރެސް' އާ ވާހަކަ ދައްކަވަމުން ޕީޕީއެމްގެ އިސް ބޭފުޅަކު ވިދާޅުވީ، މިހާރަކަށް އައިސް ޕީޕީއެމްގެ އާންމު މެންބަރުންނާއި ހަމައަށް އެޕާޓިގައި އިސްކޮށް އުޅުއްވާ ބޭފުޅުންނަށް ދަތުރު ނުކުރެވުމާއި ގުޅިގެން ބައެއް މެންބަރުންގެ ޝަކުވާތައް ގިނަވެފައިވާ ކަމަށެވެ. އަދި މި ޝަކުވާތަކަށް ޕާޓީގެ ރައީސް، އަދި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަނީ ރައްދު ދެއްވަމުން ކަމަށެވެ. އެގޮތުން އެމަނިކުފާނު ވަނީ، ޕާޓީގެ ސަޕޯޓަރުން އެދޭ ނަމަ ޕީޕީއެމްއާ ދުރަށް ޖެހިވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ، ޕީޕީއެމްގެ ސަޕޯޓަރުން އެދި ލައްވާ ނަމަ ޕާޓީގެ އިސް މަގާމުތަކަށް ބަދަލު ގެނެވިދާނެ ކަމަށާއި އެމަނިކުފާނުގެ އާއިލާއިން ޕީޕީއެމްއާ ދުރުވުމަށް އާދޭސް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން ޕީޕީއެމްގެ ކުރީގެ ޕީޖީ ގްރޫޕްގެ ލީޑަރުކަމަށް ހުންނެވި އަހުމަދު ނިހާން ހުސައިން މަނިކު ވަނީ އިސްތިއުފާ ދެއްވާފައެވެ. ނިހާން އިސްތިއުފާ ދެއްވާފައި ވާއިރު ޕީޕީއެމްގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުން އިސްތިއުފާ ދެއްވުމަށްވެސް ނިހާން ވަނީ ގޮވާލައްވާފައެވެ. ނިހާން ވިދާޅުވީ، ނިމިދިޔަ ތިން އިންތިހާބުގައި ޕީޕީއެމްއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނީ އެ ޕާޓީގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުން ފެއިލް ވުމުން ކަމަށެވެ.