ރާއްޖޭގައި ޓެރަރިޒަމާއި ނުރައްކާތެރި ހައްދުފަހަނައެޅުން ހުއްޓުވުމަށް އެކުލަވާލައި އެކްޝަން ޕްލޭނަށް ކަމާ ގުޅުން ހުރި މުއައްސަސާ ތަކުގެ ހިޔާލު ހޯދުމަށް، މަޝްވަރާ ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ.

މި އެކްޝަން ޕްލޭނަކީ، ޓެރަރިޒަމާއި ނުރައްކާތެރި ހައްދު ފަހަނަ އެޅުން ހުއްޓުވުމަށް ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އާ، ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން ކުރެވެމުންދާ މަސައްކަތުގެ ތެރެއިން އެކުލަވާލާ އެކްޝަން ޕްލޭނެކެވެ.

އެކަމަށްޓަކާ މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި މަޝްވަރާ ބައްދަލު ވުމުގައި، ސަރުކާރުގެ މިނިސްޓްރީ ތަކާއި، ގާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ އިތުރުން އަމިއްލަ ޖަމިއްޔާ/ޖަމާއަތް ތައް ހިމެނޭ ގޮތުން، ޖުމްލަ 50 ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާފައި ވެއެވެ.

އެންސީޓީސީން ބުނީ، ކަމާ ގުޅުން ހުރި އިދާރާތަކުން، މިއަދު ހުށަހެޅި ކަންތައްތަކުގެ އަލީގައި އެކުލަވާލައި އެކްޝަން ޕްލޭނަށް ކައިރި މުސްތަގުބަލެއްގައި އަމަލު ކުރަން ފަށާނެ ކަމަށެވެ.

އެންސީޓީސީ އަކީ ޓެރަރިޒަމާއި ހައްދުފަހަނަ އަޅައިދިއުމުގެ ވިސްނުމާ ދެކޮޅަށް މަސައްކަތްކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން 2016 ވަނަ އަހަރު އުފައްދަވާފައިވާ ކޮމިޝަނެކެވެ.