ރޯދަމަހަށް ހާއްސަކޮށްގެން ހުޅުމާލޭގައި އަލަށް ހެދި މާރުކޭޓުގައި 20 ގޮޅިއެއް ހުންނާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، ހުޅުމާލޭ ފެރީޓާމިނަލް ހުޅަނގު ފަރާތު ސަރަހައްދިގައި ހެދި "ރަށު މާރުކޭޓް" އިން މޭވާ އާއި ތަރުކާރީ އާއި އެހެނިހެން ދިވެހި އުފެއްދުންތަކުގެ އިތުރުން ރޯމަސް ވިއްކުމަށް ހާއްސަކުރެވިފައިވާ ގޮޅިތަކެއް ހުންނާނެ ކަމަށެވެ. މޭވާ އާއި ތަރުކާރީ އާއި އެހެނިހެން ދިވެހި އުފެއްދުންތައް ވިއްކަން ޑްރައި ސްޓޯލެއްގެ ގޮތުގައި 37 ގޮޅި ކަނޑައަޅާފައިވާ ކަމަށާއި ރޯ މަހުގެ ބާއްވަތްތައް ވިއްކަން ވެޓް ސްޓޯލެއްގެ ގޮތުގައި 20 ގޮޅިއެއް ހާއްސަކޮށްފައި ވަނީ ރޯދަ މަހުގެ ބާވަތްތައް ވިއްކުމަށް ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ހުޅުމާލޭގައި އަލަށް ހެދި މާރުކޭޓުގެ 57 ގޮޅިއަކާއި ފުޑް ކޯޓްތައް ކުއްޔަށް ދޫކުރަން އިއުލާނުކޮށްފައި ވާއިރު، ގޮޅިތައް ކުއްޔަށް ހިފަން ހުށަހެޅުމުގެ ޝަރުތުތަކުގެ ތެރޭގައި، 18 އަހަރު ފުރިފައިވާ ދިވެއްސަކަށް ވުމާއި ކުރާ ވިޔަފާރި އަކީ ހަ މަސް ވެފައިވާ ވިޔަފާރިއަކަށް ވުން ހިމެނެއެވެ. ޕްރައިވެޓް އަދި ޕަބްލިކް ކުންފުންޏެއްގެ ނަމުގައި ފޯމު ހުށައެއް ނޭޅޭނެ ކަމަށް ވެސް އެޗްޑީސީ އިން ބުނެއެވެ.

އެޗްޑީސީން ބުނީ "ރަށު މަރުކޭޓް" އަކީ ހުޅުމާލޭގައި އުޅޭ މީހުންނާއި ހުޅުމާލެއަށް ޒިޔާރަތްކުރާ މީހުންނަށް، ރާއްޖޭގައި ހައްދާ މޭވާ އާއި ތަރުކާރީ އާއި ދިވެހި އުފެއްދުންތަކާއި ރޯމަހުގެ ބާވަތްތައް ފަސޭހަކަމާ އެކު އެއްތަނަކުން އަގު ހޮޔެކޮށް ލިބޭނޭ އިންތިޒާމެއް ހަަމަޖައްސަމަށް ހެދި މަރުކޭޓެއް ކަމަށެވެ.