ސަޕޯޓަރުން އެދޭ ނަމަ ޕީޕީއެމްއާ ދުރަށް ޖެހިވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވާކަމަށް ބުނާ މެސެޖެއް ދައުރުވަމުން އެބަދެއެވެ.

'ރައީސް ޔާމީންގެ ސަޕޯޓާސް' ވައިބާ ގްރޫޕަށް އެމަނިކުފާނު ފޮނުއްވެވި މެސެޖުތަކެއްގެ ސްކީންޝޮޓް މިހާރު ވަނީ އާންމު ވެފައެވެ. ސްކީންޝޮޓުން ދައްކާގޮތުން ރައީސް ޔާމީން ވިދާޅުވީ، ޕީޕީއެމްގެ އިސް މަގާމުތަކަށް ބަދަލު ގެނެވިދާނެ ކަމަށާއި އެމަނިކުފާނު ހުންނެވީ ޕާޓީއާ ދުރަށް ވަޑައިގަތުމަށް ތައްޔާރަށް ކަމަށެވެ. އަދި އެމަނިކުފާނުގެ އާއިލާ މިހާރުވެސް ދަނީ ޕީޕީއެމްއާ ދުރުވުމަށް އާދޭސް ކުރަމުން ކަމަށެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ޕީޕީއެމްގެ އިސް މަގާމުތަކާއި އަލަށް ހަވާލުވާ މީހުންނަކީ ޒިންމާ ނަގަން ކެރޭ ބަޔަކަަށް ވާން ޖެހޭނެ ކަމަށާއި ޕާޓީގެ މެންބަރުން އިތުރުކުރަން ދަތުރުތައްވެސް ކުރަން ޖެހޭނެކަމަށެވެ.

ވައިބާ ގްރޫޕުގައި ދައުރުވަމުން ދާ މިމެސެޖުތަކާ ގުޅޭގޮތުން އެޕާޓީން ރަސްމީ ސިފައެއްގައި އެއްޗެއް ބުނެފައެއް ނުވާއިރު ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރަކަށް ހުންނެވި އަހުމަދު ނިހާން ހުސައިން މަނިކު ވަނީ ޕީޕީއެމްގެ ލީޑަޝިޕުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ފެއިލްވެވަދައިގެންނެވި އެންމެން އިސްތިއުފާ ދިނުމަށް ގޮވާލައްވާފައެވެ. މީގެ އިތުރުން އޭނާ ވަނީ ޕީޖީ ގްރޫޕްގެ ލީޑަރު ކަމުން އިސްތިއުފާ ދެއްވާފައެވެ.

އެޕާޓީގެ ގެމަނަފުށީ ދާއިރާގެ މެންބަރު، ޖަމީލް އުސްމާން ވަނީ ޕީޕީއެމްގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ފާޑު ވިދާޅުވެފައެވެ. އަދި ޕާޓީގެ ލީޑާޝިޕަށް ޝައުގުވެރިވާ ތައުލީމީ ޒުވާނުންނަށް ފުރުސަތުދީ މިހާރުގެ ލީޑާޝިޕް އެކަހެރިވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ޕީޕީއެމްގެ ލީޑާޝިޕް ފެންނަނީ ސިޔާސީ ކަންތައްތަކަށް ފޫހިވެ، ކަންނެތް ވެފައިވާ ތަންކަމަށާއި އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ރޯލަކީ ޒިންމާދާރު ބުރަ މަސައްކަތް ކަމަށެވެ.