ކާށިދޫ ދާއިރާއަށް ދެވަނަ ފަހަރަށް އިންތިހާބުވި އަބްދުﷲ ޖާބިރަކީ ރާއްޖޭގެ ޓުއަރިޒަމް އާ އުސްމިންތަކަށް ގެންދަވާނެ ބޭފުޅެއް ކަމަށް ވިދާޅުވެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ޖާބިރަށް ތައުރީފް ކުރައްވައިފިއެވެ.

ގޮނޑުދޮށުގައި އުނދޯއްޔެއްގައި ޝީޝާއެއް ހިފައިން ޖާބިރު އިންނަވާ މަންޒަރެއް ދައްކުވައިދޭ ފޮޓޯއަކާއެކު ނިހާން ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ކާށިދޫ ދާއިރާގެ މެންބަރު ކަމަށް އިންތިހާބުވެފައިވާ ޖާބިރަކީ ރާއްޖޭގެ ފަތުރުވެރިން އާ އުސްމިންތަަކަކަށް ގެންދެވޭނެ ފަދަ ގާބިލް ބޭފުޅެއް ކަމަށެވެ. އަދި އެއީ ނަޒާހަތްތެރި ޓުއަރިޒަމް ކަމަށް ނިހާން ވިދާޅުވެފައިވެއެވެ.

ނިހާނު ޖާބިރަށް ތައުރީފް ކުރައްވާފައި ވަނީ އޭނާ މަޖިލީހަށް ހޮވިވަޑައިގަތުމުން، އެ ދާއިރާއަށް އަރަބި ފަތުރުވެރިކަން ފުޅާކުރާނެ ކަމުގެ ވައުދާއެކުގައެވެ. ޖާބިރު ވަނީ ގާފަރުގައި ޝީޝާ ބާއެއް، އަދި ކާށިދޫގައި ސޫޝީ ބާއެއް ހެދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެފައެވެ. ޖާބިރު ވިދާޅުވީ ބާ އެކޭ ވިދާޅުވުމުން އެތަނުގައި ރަލެއް ނުހުންނާނެ ކަމަށެވެ.

މީގެ އިތުރުން ޖާބިރު ވަނީ ކާށިދޫއާއި ގާފަރާ ދެމެދު ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމަށް ކޭބަލް ކާރު އަޅުއްވާނެކަމަށް ވެސް ވިދާޅުވެފައެވެ. މީގެ އިތުރުން ކާށިދޫގައި ޔުނިވާސިޓީއަކާއި ރާއްޖޭގައި ހުރި އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލު ކާށިދޫގައި އަޅުއްވާނެކަމަށް ވެސް ޖާބިރު ވަނީ ވައުދުވެވަޑަަަަައިގެންފައެވެ. މީގެ އިތުރުން ޖާބިރު ވިދާޅުވީ އޭނާގެ ޓީވީ ޗެނަލެއް ހައްދަވާނެ ކަމަށާ އެ ޓީވީ ޗެނަލް މެދުވެރިކޮށް ކާށިދޫ އަށް އޭނާ ގެންގުޅުއްވާ ތަސައްވުރުގެ މަސައްކަތް ރައްޔިތުންނަށް ބްރީފް ކުރައްވަމުން ގެންދަވާނެކަމަށް ވެސް ވިދާޅުވެފައެވެ.

ޖާބިރު ވަނީ ކާށިދޫއަށް އިންވެސްޓަރުން އައުމަށް ދައުވަތު ދެއްވާފައެވެ. އަދި އޭނާ ފަށްޓަވަން ގަސްދު ކުރައްވާ ޕްރޮޖެކްޓް ސަރުކާރުން އެޕްރޫވް ކޮށްފައިވާ ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.