ބިދޭސީއަކަށް ތޫނު އެއްޗަކުން ބިރު ދެއްކުމަށްފަހު 50،000 ރުފިޔާ ފޭރިގަތް ޒުވާނަކު ހައްޔަރުކޮށްފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރު 12:15 ހާއިރު ހެންވޭރު ލަންސިމޫގޯޅިންނެވެ.

ފުލުހުން ބުނީ، ލަންސިމޫގޯޅިން ހިނގާފައި ދިޔަ ބިދޭސީއަކަށް 20 އަހަރުގެ ޒުވާނަކު ތޫނު އެއްޗަކުން ބިރު ދެއްކުމަށްފަހު އެ ބިދޭސީ މީހާގެ އަތުން 50،000 ރުފިޔާ ފޭރިގަތްފައިވާ ކަމަށެވެ. މި ޒުވާނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އެ ފައިސާ ފޭރިގަތުމަށްފަހު ފިލަން ދުވެފައި ދަނިކޮށް ކަމަށް ފުލުހުން ބުނެއެވެ. އަދި އެވަގުތު އެ ޒުވާނާ ހުރީ ހެލްމެޓެއް އަޅައިގެން ކަމަށްވެސް ފުލުހުން ބުނެއެވެ.

މިހާރު ފުލުހުން ދަނީ އިތުރަށް މި މައްސަލަ ބަލާ ތަހުގީގު ކުރަމުންނެވެ.

ވައްކަމާއި ފޭރުމުގެ މައްސަލަތައް ގިނަ ވަމުން އަންނަ އިރު ފަހަކަށް އައިސް މި ފަދަ ވައްކަން ކުރަނީ ހެލްމެޓް އަޅައިގެން ދާ މީހުންކަން ފާހަގަކުރެވެއެވެ. އެގޮތުން މިދިޔަ މާޗް މަހުގެ ތެރޭގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ވޭން ހުއްޓުވާ އޭގައި ހުރި ފައިސާ ފޭރިގެންފައި ވަނީ ހެލްމެޓަކުން މޫނު ނިވާކޮށްފައި ތިބި ބައެކެވެ. އޭގެއިތުރުން ބީއެޗްއެމުން ސްޓޭޓް ބޭންކް އޮފް އިންޑިއާއަށް ޖަމާ ކުރަން ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ ފޭރިގަންފައި ވަނީ ވެސް ހެލްމެޓް އަޅައިގެން ތިބި 4 މީހެކެވެ.