މިދިޔަ ހޮނިހިރު ދުވަހު ބޭއްވި 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުން ކުރިއަށް އެބަދެއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މީގެ ކުރިން ބުނެފައި ވާ ގޮތުން ރަސްމީ ނަތީޖާ ރޭ އިއުލާން ކުރާނެއެވެ. ނަމަވެސް ފަހުން އީސީން ވަނީ ރަސްމީ ނަތީޖާ އިއުލާން ކުރުން މިއަދަށް ފަސް ކޮށްފައެވެ.

އިންތިހާބުގައި ބެހެއްޓި ބައެއް ވޯޓު ފޮށިތަކާ ބެހޭގޮތުން އީސީއަށް ހުށަހެޅި މައްސަލަތަކާ ގުޅިގެން ބައެއް ވޯޓް ފޮށިތައް ވަނީ އަލުން ގުނާފައެވެ. ނަމަވެސް ސައްހަ ވޯޓު ބާތިލުކަމަށް ބަލައިިގެން ވޯޓު ގުނާފައި ހުރުމުގެ ސަބަބުން ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ އަދަދު ގިނަވުމުގެ އިތުރުން އެއްވެސް ތަފާތެއް ފެނިފައެއް ނުވެއެވެ. އަދި އަލުން ގުނި ވޯޓުފޮށިތަކުގެ ނަތީޖާވެސް ބަދަލުވެފައެއް ނުވެއެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 264،442 މީހުންނަށް ލިބިގެންވާ އިރު، ވޯޓުލި މީހުންގެ އަދަދު 212،079 އަށް އަރައެވެ. މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި ޖުމްލަ 87 ދާއިރާއަކަށް 386 ކެންޑިޑޭޓުން ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ގޮތުން ވާދަކުރިއެވެ. މި އިންތިހާބުގައި 501 ވޯޓު ފޮށްޓެއް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބެހެއްޓިއިރު، މާލޭގައި ބެހެއްޓީ 144 ވޯޓް ފޮށްޓެވެ. އަދި އަތޮޅު ތެރޭގައި 307 ފޮށި ބެހެއްޓި އިރު ރާއްޖޭން ބޭރުގައި ބެހެއްޓީ އަށް ވޯޓު ފޮށްޓެވެ.