ނިމިގެންދިޔަ މަޖިލިސް އިންތިހާބުގައި ނެގި ކެންދޫ ދާއިރާގެ ވޯޓު ބާތިލް ކުރަން ޖެހޭ ސަބަބެއް ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އީސީން މިގޮތަށް ނިންމިކަން ހާމަކޮށްފައި ވަނީ، އިލެކްޝަންސް ކޮމިޝަންގެ އިންތިހާބީ މަރުކަޒުގައި މިހާރުު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ކޮމިޝަނުން މި މައްސަލަ ތަހުގީގޮށް ނިންމުމަށްފަހުގައެވެ. ކެންދޫ ދާއިރާގެ ވޯޓު ބާތިލް ކުރުމަށް ހުށަހަޅާފައި ވަނީ އެމްޑީޕީގެ ޓިކެޓްގައި އެ ދާއިރާއަށް ވާދަކުރި އަހުމަދު ލަތީފެވެ. ކެންދޫ ދާއިރާގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެ ދާއިރާގެ މިހާރުގެ ވެސް މެންބަރު އަލީ ހުސައިނަށް ލިބިވަޑައިގަތީ 988 ވޯޓެވެ. އަހުމަދު ލަތީފަށް ލިބިވަޑައިގަތީ 829 ވޯޓެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ކެންދޫ ދާއިރާގެ ވޯޓުގެ މައްސަލައިގައި ހުށަހެޅި ޝަކުވާތަކަށް ބަލާ އިރު، އެ ދާއިރާގެ ވޯޓު ބާތިލް ކުރަންޖެހޭ ފަދަ ކަމެއް ފެނިފައި ނުވާ ކަމަށެވެ.

ކެންދޫ ދާއިރާގެ ވޯޓު ބާތިލްކުރަން ހުށަހެޅި ޝަކުވާތަކުގެ ތެރޭގައި، ވޯޓު ލާ މީހުންގެ ތަފްސީލް ގަޑިއަކު އެއްފަހަރު ހާމަކުރަން އޮންނަ އުސޫލުގެ ދަށުން، މެންދުރު ދޭއް ޖެހި އިރު، ފޮށްޓަށް 377 މީހަކު ވޯޓު ލި ކަމަށް ބުނި ނަމަވެސް އެ އަދަދަށް މީހުން ވޯޓުލާފައި ނުވާ ކަމާއި، ވޯޓުލީ މީހުންގެ ކިއު ނަންބަރަށް ވުރެ އިތުރަށް އެ ވޯޓް ފޮށްޓަށް ވޯޓުލާފައިވާ ކަން އެ ވަގުތު އެ ވޯޓު ފޮށްޓާ ހަވާލުވެ ހުރި ވެރިޔާގެ ސަމާލުކަމަށް ގެނައި ކަމަށާއި އެކަމަކު ވޯޓުލުން މެދުކަނޑާނުލައި ކުރިއަށް ގެންގޮސްފައިވާ ކަން ފާހަގަކޮށްފައި ވެއެވެ.

މީގެ އިތުރުން ވޯޓު ފޮށި ކައިރީގައި އޮންނަ ޝީޓާއި، އިނގިލީގައި ފާހަގަ ޖަހާ މާކު ކުރި ލިސްޓާއި، ކިއު ނަންބަރު ދޫކުރި ލިސްޓް ދިމާ ނުވާކަމަށް ވެސް ޝަކުވާ ހުށަހަޅާފައި ވެއެވެ. އަދި ވޯޓުލުން ހައެއް ޖެހި އިރު ބަންދުކުރި ފަހުން، ވޯޓުލާ މަރުކަޒުގެ އޮފިޝަލަކު ވޯޓުލި މައްސަލަ ވެސް ޝަކުވާގެ ގޮތުގައި ހުށަހަޅާފައި ވެއެވެ.