މިދިޔަ ހޮނިހިރު ދުވަހު ބޭއްވި 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ފޮނަދޫ އަދި ބާރަށު ދާއިރާގެ ބާތިލު ވޯޓުތައް އަލުން ގުނުމުން ވެސް އެ ދާއިރާތަކުގެ ނަތީޖާއަށް ބަދަލެއް ނައެވެ.

ޕީޕީއެމް އަދި ޕީއެންސީން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އިއްޔެ ހުށަހެޅި މައްސަލައަކާއި ގުޅިގެން އީސީއިން ވަނީ ފޮނަދޫ އަދި ބާރަށު ދާއިރާގެ ބާތިލު ވޯޓުތައް އަލުން ގުނާފައެވެ. ބާރަށު ދާއިރާގެ ބާތިލު ވޯޓުތައް ގުނުމަށްފަހު ކުރިން ބާތިލުކަމަށް ކަނޑައަޅާފައިވާ 14 ވޯޓެއް ސައްހަ ކަމަށް އީސީން ވަނީ ނިންމާފައެވެ. ސައްހަ ކަމަށް ބެލި ބާތިލް ވޯޓުތަކުގެ ތެރެއިން ހަތް ވޯޓު އެ ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓް އަހްމަދު އަބްދުﷲ އަށް ލިބުނު އިރު ބާކީ އޮތް ހަތް ވޯޓު ލިބުނީ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް ޝުޖާއުއަށެވެ.

ބާރަށު ދާއިރާގެ މިހާރުގެ ވަގުތީ ނަތީޖާ ދައްކާގޮތުން މި ދާއިރާއިން އިންތިހާބު ކާމިޔާބު ކުރި އެމްޑީޕީގެ ކެންޑިޑޭޓް އަހްމަދު އަބްދުﷲ އާއި އެންމެ ގާތުން ވާދަކޮށްފައި ވަނީ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް ޝުޖާއުއެވެ. އަހްމަދު އަބްދުﷲ އިންތިހާބު ކާމިޔާބު ކޮށްފައިވަނީ އެންމެ 42 ވޯޓުގެ ތަފާތުންނެވެ. މި ދާއިރާއަށް ވޯޓުލުމުގެ ހައްގު 3322 މީހުންނަށް ލިބިގެންވާއިރު މި ދާއިރާއަށް ވޯޓުލާފައިވަނީ 3070 މީހުންނެވެ. ވޯޓުލީ މީހުންގެ ތެރެއިން 3020 މީހުންގެ ވޯޓު މިހާރު ސައްހަ ކަމަށް ބެލެވޭ އިރު، ބާތިލް ވެފައިވަނީ 50 މީހުންގެ ވޯޓެވެ.

އެގޮތުން މައްސަލަ ހުށަހެޅި ފޮނަދޫ ދާއިރާ ބާތިލު ވޯޓުތައް ގުނުމުން ވެސް އެއްވެސް ކެންޑިޑޭޓަކަށް ވޯޓެއް އިތުރު ވެފައެއް ނުވެއެވެ. ފޮނަދޫ ދާއިރާގެ މިހާރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެ ދާއިރާގެ މެންބަރުކަން މިހާރު ކުރައްވަމުން ގެންދަވާ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ވާދަކޮށް އެންމެ 44 ވޯޓުގެ ތަފާތުން އިންތިހާބު ކާމިޔާބު ކޮށްފައި ވަނީ އެމްޑީޕީގެ ފަރާތުން ވާދަކުރި ކެންޑިޑޭޓް އަދި ގާނޫނީ ވަކީލް މޫސާ ސިރާޖެވެ. މި ދާއިރާއަށް ވޯޓުލުމުގެ ހައްގު 2837 މީހުންނަށް ލިބިގެންވާއިރު މި ދާއިރާއަށް ވޯޓުލާފައިވަނީ 2535 މީހުންނެވެ. ވޯޓުލީ މީހުންގެ ތެރެއިން 2489 މީހުންގެ ވޯޓު ސައްހަ ކަމަށް ބެލެވޭ އިރު، 46 މީހުންގެ ވޯޓު ވަނީ ބާތިލްވެފައެވެ.